Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ގަމަށް ބޭރުގެ އިތުރު އެއާލައިނެއް ގެންނަން މަޝްވަރާކޮށްފި

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ އިތުރު އެއާލައިނެއް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވެއްޖެ އެވެ.

ގަން އެއާޕޯޓްގެ މެނޭޖްމަންޓާ އެކީ އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ފިރާގު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ގަން އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. ގަމަށް މިހާރު ހަމައެކަނި ޝެޑިއުލް ދަތުރުތައް ބާއްވާ ސްރީ ލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓްކަން ކުރާ އޭސް ޓްރެވެލްގެ ވެރިޔާ ވިދާޅުވީ ގަން އެއާޕޯޓަކީ ގޮންޖެހުންތަކެއް ހުރި ނަމަވެސް ކުރިމަގު އޮތް އެއާޕޯޓެއް ކަމަށެވެ.

އެހެންވެ ކަމަށް އިތުރު އެއާލައިނެއްގެ ދަތުރުތައް ފެށުމާ ގުޅޭ މަޝްވަރާތަކެއް މެނޭޖްމަންޓާ އެކީ ކުރެވުނު ކަމަށް ފިރާގު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ގަން އެއާޕޯޓްގެ ފަރާތުން އިސްކޮށް ހުންނެވީ އެ އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދެވެ.

ގަމަށް ބޭރުގެ އިތުރު އެއާލައިނެއްގެ ގެންނަން މަޝްވަރާތަކެއް ކުރެވުނު ކަމަށް ފިރާގު ވިދާޅުވި އިރު، ގަމަށް ފްލައި ދުބާއީގެ ދަތުރުތައް 2023 ގެ ކުރީކޮޅު ފަށަން ޕްލޭންކޮށް، އެކަމާ ގުޅުން ހުރި ބައެއް މަސައްކަތްތައް ވެސް ކޮށްފައިވެ އެވެ. ނަމަވެސް އެކަން ފަހުން އެކި ސަބަބުތަކާ ހެދި ހުއްޓާލައިފަ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑު އަށް ބާއްވަމުން އަންނަނީ 2016 އިން ފެށިގެންނެވެ. އެގޮތުން މިހާރު ހަފުތާއަކު ތިން ދަތުރު ބާއްވަ އެވެ.

ދާދި ފަހުން ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އިބްރާހީމް ފައިސަލް ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ އެއާލައިންތަކެއްގެ ސީދާ ދަތުރުތަކެއް ގަމަށް ބޭއްވުމާ ގުޅޭ މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.