Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ހުޅުމާލޭގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް

ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ހަވާލުކޮށްފި އެވެ.

ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން އިއްޔެ ހަވާލުކުރީ މެޑްޓެކްއާ އެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. މެޑްޓެކްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަހުމަދު ހައިކަލް އެވެ.

މި އެއްބަސްވުމުގެ ދަށުން ޑައިލިސިސް ސެންޓަރު ހަދަން މެޑްޓެކަށް ސަރުކާރުން އެއްވެސް ފައިސާއެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި، މެޑްޓެކަށް ދޭނީ މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓު ގަންނާށެވެ.

ހުޅުމާލޭ ހޮސްޕިޓަލްފައި އާ ހިދުމަތްތައް ތައާރަފްކޮށް، ސަރުކާރުން އަންނަނީ އެތަން ހިންގަމުން އަންނަ ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ އިތުރުން އެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހަދައި، ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަރުހަލާ ވެސް އޮތީ ފަށައިފަ އެވެ.

ޑައިލިސިސް އަކީ ކިޑްނީގެ ބަލީގެ މީހުންނަށް ދޭ ފަރުވާއެކެވެ.