ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ދަރަންޏާއި ފިސްކަލް ހާލަތު ހަމަޔަކަށް އަޅުވަން، ވަގުތުން ވަގުތަށް ސިޔާސަތުތަކަށް ބަދަލު ގެނެސް، ފިޔަވަޅުތައް އެޅުމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން ގޮވާލައިފި އެވެ.
އެ އިދާރާ އިން އާންމުކުރި ބަޔާނެއްގައި ބުނީ އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމް ވަރަށް މުހިއްމު ކަމަށާއި ރާއްޖޭގެ އިގުތިސާދު މި އަހަރު ފަސް ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް، މާލީ ގޮތުން ހުރި ގޮންޖެހުންތަކާ ހެދި ފިސްކަލް އިމްބެލެންސް އިތުރުވަމުންދާ ކަމަށެވެ.
މާލީ ހާލަތު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށާއި ވިޔަފާރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު އިސްލާހީ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އައިއެމްއެފުން ބުންޏެވެ.
އެ އިދާރާ އިން ބުނި ގޮތުގައި، ރާއްޖޭގެ އިގުތިސާދު ކުރިއަރާ ސަބަބަކީ ހަމައެކަނި ޓޫރިޒަމެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ބޭނުން ކުރަން ފަށައިފި ނަމަ ޓޫރިސްޓުން އައުން އިތުރުވެ، އެ ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އައިއެމްއެފުން ބުންޏެވެ.
މި އަހަރުގެ އިންފްލޭޝަން 2.3 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވާ އިރު، އޭގެ އެންމެ ބޮޑު ސަބަބަކީ، ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ އިތުރު ކުރުން ކަމަށް ވެސް އައިއެމްއެފުން ބުންޏެވެ.
އައިއެމްއެފުން ބުނީ، ރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓާއި ފޮރިން އެކްސްޗޭންޖު ރިޒާވަށް ކުރިމަތިވެފައިވާ ޕްރެޝަރުތައް އިތުރުވެފައިވާ ކަމަށާއި ބަޖެޓު ޑެފިސިޓާއި ދަރަނި ވެސް އިތުރުވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖެ އިން އިގުތިސާދީ ރިފޯމު އެޖެންޑާއެއް އިއުލާންކޮށް، އޭގެ ދަށުން ފިޔަވަޅުތައް އަޅައިގެން އިގުތިސާދު ހަމައަކަށް އަޅުވަން ފަސޭހަވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އައިއެމްއެފުން ބުންޏެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަކޮށް، އިސްރާފުތައް ކުޑަކުރުމަށް ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭކަން އެ އިދާރާ އިން ބުންޏެވެ. ކަމަށެވެ.