ކުރިއަށް އޮތަ ރޯދަ މަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެނައި ފިޔާ، އަލުވި، ބިސް ބާޒާރަށް ނެރެފި އެވެ.
އެސްޓީއޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނިން އެތެރެކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ހިމެނުމުގެ ބޭނުމަކީ ރޯދަ މަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށެވެ.
އެގޮތުން އެ ކުންފުނިން ބިސް ކޭހެއް މި ވަގުތު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް 310 ރުފިޔާއަށް ވިއްކަން ހަމަޖައްސާފައިވާއިރު، ފިޔާ ބަސްތާއެއް މި ވަގުތު ވިއްކާނީ 310 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނީ، އެ ބާވަތްތައް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާ ހައުސްއިން އެ ތަކެތި ލިބޭނެ ކަމަށެވެ.
އެ ބާވަތްތައް ރީޓެއިލްކޮށް ވިއްކާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނެވެ. އެގޮތުން ބިހެން ވިއްކާނީ ދެ ރުފިޔާއަށެވެ. ފިޔާ ކިލޯއެއް 14 ރުފިޔާއަށް އަދި އަލުވި ކިލޯއެއް ވިއްކާނީ 18 ރުފިޔާއަށެވެ.