ތަރުހީބު ނުލިބުމުން ރޯދަ މަހާއި ދިމާކޮށް ބާއްވަން މަސައްކަތް ކުރި "އައްޑޫ ސިޓީ ވިޔަފާރިވެރިންގެ ބާޒާރު: ރޯދަ ސޭލް" ފަސްކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި ބާޒާރުގައި ބައިވެރިވާން ވިޔަފާރިތަކަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަަމަށެވެ.
އެގޮތުން މި ބާޒާރު އަހަރުގެ ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
މި ބާޒާރުގައި ބައިވެރިވާން ކައުންސިލުން ފުރުސަތު ހުޅުވާލީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށެވެ.
އެގޮތުން ޖުމްލަ 21 ސްޓޯލެއް ދޫކުރުމަށް ހަމަޖެއްސިއިރު، 17 ސްޓޯލް ވިޔަފާރިތަކަށް ރެޔަކަށް 150ރ. ރުފިޔާގެ ރޭޓުން އަދި ހަތަރު ފުޑް ސްޓޯލް ރެޔަކަށް 200ރ. ރުފިޔާގެ ރޭޓުން ފީ ނެގުމަށް ކައުންސިލުން އޮތީ ނިންމާފަ އެވެ.