Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

އަންހެނުން ކޮމިޓީތަކަށް ރޯދަ އެލަވަންސް ދޭން ތަސްދީގުކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެމްބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލު ފާސްކުރީ 72 މެމްބަރުންގެ ވޯޓާއެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި ބިލުގައި ވަނީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެމްބަރަކަށް، ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000ރ. ދޭން ވާނެ ކަމަށް ބުނެފަ އެވެ.

މިއަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

އަންހެނުންނަކީ ކޮންމެ ރަށެއްގައި ވެސް ރަށުގެ ތަރައްގީ އަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރާ ފަރާތްތައް ކަމަށާއި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރަން ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާ އެކީގައި އެއް ހައިސިއްޔަތެއް ލިބިގެން ރަށާއި މުޅި ގައުމުގެ ތަރައްގީ އަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވަނީ އެހެން ސަރުކާރުތަކާއި އަޅާ ބަލާއިރު މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން އިސް މަގާމުތަކުގައި އެންމެ ގިނަ ވާނީ އަންހެނުން ކަމަށް ވިދާޅުވެފަ އެވެ. އަންހެނުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވި އެވެ.