Last Updated: April 11, 11:14
Friday, April 11, 2025
ރިޕޯޓް

އަނބިމީހާ އަށް ޚަރަދުކުރުން ވާޖިބު މިންވަރަކީ ކޮބާ؟

الحمد لله والصّلاة والسّلام على رسول الله

ފިރިމީހާގެ މައްޗަށް ވާޖިބުވެގެން ވަނީ އަންނަނިވި ކަންކަމަށް އެކަށީގެންވާ މިންވަރަށް (ޢުރުފުގައި ޙާޖަތް ފުދޭ މިންވަރަށް) އަނބިމީހާގެ މައްޗަށް ޚަރަދުކުރުމެވެ.

ހ. އަނބިމީހާ ދިރިއުޅޭނެ ތަނެއް
ށ. އަނބިމީހާ ކާނޭ ތަކެތި
ށ. އަނބިމީހާ ބޯނޭ ތަކެތި
ރ. އަނބިމީހާ އުނު އަންނާނޭ އަންނައުނު

މިއީ މިކަންކަމުގެ މައްޗަށް ޢިލްމުވެރިން އިޖްމާޢުވެފައިވާ ކަންކަމެވެ.

ޖުމްހޫރު ފިޤްހު ޢިލްމުވެރިންގެ ގާތުގައި، އަނބިމީހާ ބަލިވުމުން ބޭސްފަރުވާކޮށް ދިނުން، ފިރިމީހާގެ މައްޗަށް ވާޖިބުވެގެން ނުވެ އެވެ. އެހެން ނަމަވެސް ފަހުގެ ޢިލްމުވެރިން، ބޭސްފަރުވާކޮށް ދިނުން ވެސް ވާޖިބު ޚަރަދުތަކުގެ ތެރޭގައި ހިމަނުއްވަ އެވެ. ސަބަބަކީ، އެއީ ކެއުމާއި ބުއިމާއި އެއް ދަރަޖާގައި ނުވަތަ އެއަށްވުރެ ވެސް ޟަރޫރަތްތެރި ކަމަކަށްވާތީއެވެ. "الفقه الإسلامي وأدلته"(10/738)

ބ. ބޭސްފަރުވާކޮށް ދިނުން
ޅ. އަނބިމީހާ ސާފުތާހިރުކަންމަތީ ހުރުމަށާއި ރީތިވުމަށް ބޭނުންވާ ޟަރޫރީ ތަކެތި، ވެސް ބައެއް ފިޤްހު ޢިލްމުވެރިން މީގެ ތެރޭގައި ހިމަނުއްވަ އެވެ.

މީގެ އިތުރުން، ކަމާލިއްޔާތު (ޟަރޫރީ ތަކެތީގެ ތެރޭގައި ނުހިމެނޭ ތަކެތި) މިސާލަކަށް، ލެޕްޓޮޕް، މޭކަޕު ކުރާ ސާމާނު ފަދަ ތަކެތި ގަނެދިނުން ފިރިމީހާގެ މައްޗަށް ވާޖިބެއް ނުވާނެ އެވެ. ހެޔޮކޮށް ހިތުމުގެ ގޮތުން ފިރިމީހާ އެފަދަ ކަންކަމަށް ޚަރަދުކުރަން ބޭނުންނަމަ ފިރިމީހާއަށް އެކަންކަން ކުރެވިދާނެ އެވެ.

މިކަންކަމަށް ޚަރަދު ކުރުމުގެ މިންވަރަކީ ޢުރުފައި އެކަންކަމުގެ ޙާޖަތް ފުދޭ މިންވަރެވެ. މިސާލަކަށް ކެއުމާއި ބުއިމަށް ޚަރަދުކުރުން ވާޖިބުވަނީ، ޤައުމުގައި ޢާންމު ގޮތެއްގައި މީސްތަކުން ކައިބޮއި އުޅޭ ތަކެތީގެ ޚަރަދެވެ. އޭގެ މާނައަކީ، ބައެއް މީހުން ހީކުރާ ގޮތާ ޚިލާފަށް، އަނބިމީހާ ކާން ބޭނުން ކޮންމެ އެއްޗެއް (އެއީ ކިތަންމެ އަގުބޮޑު އެއްޗެއް ކަމުގައިވިޔަސް) ހޯދައި ދިނުން ފިރިމީހާ އަށް ވާޖިބުވުމެއް ނޫނެވެ. އަދި އުނު އަންނާނޭ އަންނައުނު ހޯދައި ދިނުމުގެ މާނަ އަކީ، އަނބިމީހާ އަށް ފުދޭ މިންވަރަށް ހެދުން ހޯދައި ދިނުމެވެ.

ޢާންމު ގޮތެއްގައި ޤައުމުގެ މީހުން ލާއުޅޭ ކޮލެޓީގެ ފޭރާމެވެ. އަގުބޮޑު ބްރޭންޑުތަކާއި އަނބިމީހާ ބޭނުން ކޮންމެ ކޮލިޓީއެއްގެ ހެދުން ހޯދައި ދިނުން ފިރިމީހާއަށް ޝަރްޢީ ގޮތުން ވާޖިބެއް ނުވާނެއެވެ. އަދި އަނބިމީހާ ބޭނުން ޢަދަދަކަށް، މިސާލަކަށް ކޮންމެ މަހަކު ހެދުމެއް، އަހަރަކު ދިހަ ބާރަ ހެދުން، އިސްރާފަށް ވާވަރަށް ހޯދައި ދިނުން ފިރިމީހާގެ މައްޗަށް ޝަރުޢީ ގޮތުން ވާޖިބެއް ނުވާނެ އެވެ.

މި ނުކުތާ މި ފާހަގަކޮށްލީ، ފިރިމީހާގެ އަނބިމީހާގެ މައްޗަށް ޚަރަދުކުރުން ވާޖިބުވުމުން، ބައެއް މީހުންނަށް އޮޅިގެން ހީކުރެވިފައި އޮންނަނީ އެއީ އަނބިމީހާ ބޭނުން ހުރިހާ އެއްޗެއް، ބޭނުން ކޮންމެ ހިނދެއްގައި ހޯދައި ދިނުން ކަމުގަ އެވެ. ފިރިމީހާ އަށް ލިބޭ މިންވަރަކުން އަނބިމީހާގެ ޒީނަތްތެރިކަމަށްޓަކައި ރީތި ފޭރާން ހޯދައި ދިނުމާއި އޭނާ ހިތްހަމަ ޖެއްސުމަށްޓަކައި ހޭދަކުރުން އެއީ މަނާކަމެއް ނޫނެވެ. އެކަމަކު އެކަމުގައި އިސްރާފު ކުރުމެއް ނޯވެ އެވެ.
والله أعلم

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.