Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުންނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އަދި އެގޮތަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެފަދަ ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދަން ނިންމާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ލަފާކުރެވިފައި އޮންނަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމާއި އަދި ގާނޫނު އަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލީ ހުސައިން އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އާއި އަށްވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި އެއީ، ގާނޫނުއަސާސީގެ އަސާސީ އޮނނިގަނޑާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.