އުފަން ރަށް އަދި ދާއިރާ ރައްޔިތުންގެ މަޖިލިސް މެންބަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ކުންފުނި ވިލާ ފައުންޑޭޝަންގެ ދަށުން މާމިނގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ހުއްދައަކަށް އެދިވަޑައިގެންފިއެވެ.
ގާސިމް އެ ހުއްދައަށް އެދިވަޑައިގެން ސީޕީ އަށް އިއްޔެ ފޮނުއްވި ސިޓީއެއްގަ ވެ.
ސިޓީގައި ގާސިމް ވިދާޅުވީ މާމިގިއްޔަކީ ރަށް އޮތް ރީޖަންގެ ހަތަރު އަތޮޅުގެ އާބާދީ އަށް ބަލާއިރު އެންމެ ބޮޑު ރަށް ކަމަށާއި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު އެއް ރަށް ކަމަށެވެ. އަދި މާމިގިއްޔަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް އޮތް ރަށަކަށްވުމާ އެކު ރަށުގެ ވަށައިގެން ގިނަ ރިސޯޓުތަކެއް އޮތުމުން އެކި ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު ޒިޔާރާތްކުރަމުންދާ ރަށެއްކަން ފާހަގަ ވަޒީފާ އާއި އެކިއެކި މަސައްކަތްތެރީން ހިމެނޭހެން މާމިގިލީގައި ދިރިއުޅޭ އާބާދީ ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.
އަދި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އދ. އަތޮޅުގެ ކްރައިމް ރޭޓް އެންމެ ގިނަ ރަށަކަށް މާމިގިލި ވެފައިވާތީ، ފުލުހުންގެ ޚިދުމަތް ދިނުމަށް ރީޖަން ފެންވަރުގެ ސްޓޭޝަނެއް މާމިނގިލީގައި ހުންނަން ޖެހޭ ކަމަށް އެކި ފަހަރުމަތިން ވާހަކަދެކެވިފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެގޮތުން، ފާއިތުވީ ފަސް އަހަރުތެރޭ ފުލުހުންގެ މަރުކަޒެއް މާމިގިލީގައި އެޅުމަށް ބަޖެޓުގައި ވެސް ހިމެނި ކަމަށާއި ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މަސައްކަތް ފެށިފައިނުވާތީ މާމިނގިލީގައި ފުލުހުންގެ ޚިދުމަތް ދިނުމަށް އުޅެމުންދާ ދަތި ހާލަތު އެ ވަޒަން ކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެހެންކަމުން ސީޕީ ހުއްދަ ދެއްވައިފި ނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސަޝިޕްގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި، އިމާރާތްކުރުމަށް ބޭނުންވާ ކުރެހުމާއި، އިމާރާތް ހެދުމަށް ސްޕޮންސަޝިޕް ގަބޫލުކުރިކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
ގާސިމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. އޭނަގެ އުފަން ރަށުގައި އަމިއްލަ ހަރަދުގައި ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރަން ހުށަހެޅުއްވި އިރު، ގާސިމްގެ ހަރަދުގައި މާމިގިލީައި ބިނާކުރި މިސްކިތެއް މިދިޔަ ހަފުތާގައި ހުޅުވާފައިވެ އެވެ.
ރާއްޖޭގެ މީހުން އުޅޭ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރަން މަސައްކަތް ކުރަމުން އަންނަ އިރު، އެކި ރަށްރަށުގައި އަންނަނީ ފުލުހުންގެ މަރުކަޒުތައް އަޅަމުންނެވެ. އެގޮތުން ފާއުތިވި ދެ އަހަރުގެ ތެރޭގައި ގިނަ މަރުކަޒުތަކެއް ހުޅުވާވާފައިވެ އެވެ.