Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އީދަށް ކޮންމެ އަތޮޅަކުން 2 ރަށް ދިއްލާނެ

ކުލަ ގަދަކޮށް އީދު ފާހަގަ ކުރަން މި އަހަރު ރާއްޖޭގެ ކޮންމެ ދެ އަތޮޅެއް ކުލަބޮކިތަކުން ދިއްލާނެ ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސްގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އީދާ ދިމާކޮށް ކުރިއަށް ގެންދާ "ޢީދު އަލި" ހަރަކާތް މިއަހަރު ވެސް ކުރިއަށް ގެންދާ ރަށްތައް ކަނޑއަޅާފައި ވަނީ އާބާދީގެ ނިސްބަތަށް ބަލައިގެން ކަމަށެވެ.

"މިދިޔަ ފަހަރު އަޅުގަނޑުމެންނަށް ލައިޓުތައް ފޮނުވުނީ މައިގަނޑުގޮތެއްގައި އަތޮޅުވެރިކަން ކުރާ ރަށަށް. އޭގެ އިތުރުން މިފަހަރު އަޅުގަނޑުމެން ކޮންމެ އަތޮޅަކުން ވެސް ދެ ރަށަކަށް އީދު ލައިޓު އެބަ ފޮނުވަން،" މިނިސްޓަރު ވިދާޅުވި އެވެ. " އައްޑު އާއި ފުވައްމުލަކުގެ ވަކި ރަށްތަކަށް ކުރިން ވަނީ ލައިޓުތައް ފޮނުވާފައިވާތީ ދެން ހުރި އަތޮޅުތަކުން 36 ރަށަކަށް ލައިޓް އެބަ ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން."

އެގޮތުން 36 ރަށެއް ދިއްލަން 28 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

"ކުރިން ލައިޓްތައް ގެންދިޔަ ރަށްރަށަކަށް އަޅުގަނޑުމެން ލައިޓް މި ފަހަރު ނުގެންނަން. އަލަށް ގެންނަ ރަށްރަށަށް މި ގެންނަނީ އިނގޭތޯ. ގެންނައިރު އަޅުގަނޑުމެން މި އަހަރު 36 ރަށަށް ހަރަދުވާނެ ކަމަށް މި ބަލަނީ އެންމެ ގިނަވެގެން 28 މިލިއަން އެނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ "އީދު އަލި" ޙަރަކާތަކީ ރައްޔިތުންގެ ތަރުހީބު ލިބޭ ހަރާކާތަކަށްވާތީ ވުމާއި އެކަމަށް ހަދިޔާކުރާ ލައިޓްތަކަކީ ރަށްރަށާއި ކައުންސިލްތަކަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެކި ކަންކަމަށް ބޭނުން ކުރެވޭނެ ތަކެއްޗަށްވުމުން ރައްޔިތުންގެ ހިންހަމަޖެހުމަށް ކުރާ އެފަދަ ހޭދައަކީ މުހިއްމު ހޭދައެއް ކަމަށެވެ.