Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

އަޔޫޝްމަނާ އެކު ޝަރްވާރީ

އަޔޫޝްމަން ކްރާނާ ބަތަލަށް ލައިގެން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ މި އަހަރު ހަދަން ނިންމާފައިވާ އާއިލީ ލޯބީގެ ފިލްމުގެ ބަތަލާ އަކީ ޝަރްވާރީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އޭނަ ފިލްމަށް ނެގީ އޮޑިޝަނަކަށް ފަހު ކަމަށާއި ޝަރްވާރީއާ މެދު ސޫރަޖް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ޝަރްވާރީ އަކީ މިހާރު ބޮލީވުޑްގެ އެންމެ އުންމީދީ ބަތަލާ އެވެ. އޭނަގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން 2021 ގައި ގެނެސްދިން "ބަންޓީ އޯރް ބަބްލީ 2" އެވެ.

އޭގެ ފަހުން އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "މަހާރާޖް"، "މުންޖިއާ" އަދި "ވޭދާ" ހިމެނެ އެވެ.

މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމު "އަލްފާ" ގެ ކާސްޓްގައި ވެސް ޝަރްވާރީ ހިމެނެ އެވެ. އެ ފިލްމުގައި އޭނަ ފެންނާނީ އާލިއާ ބަޓްއާ އެކީގަ އެވެ.

މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޮޕޯޓްކޮށްފައިވާ ގޮތުގައި ޑައިރެކްޓަރު އިމްތިއާޒް އަލީގެ ކުރިއަށް އޮތް ފިލްމުގެ ބަތަލާ އަކީ ވެސް ޝަރްވާރީ އެވެ. އޭގެ ކާސްޓްގައި ޒުވާން އެކްޓަރު ވެދާންގް ރައިނާ އާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ނަސީރުއްދީން ޝާހް ވެސް ހިމެނޭ ކަމަށްވެ އެވެ.

ޕިންކްވިލާ އިން ބުނީ އަޔޫޝްމަނާއި ޝަރްވާރީއާ އެކު ސޫރަޖް ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އާ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ސޫރަޖް އަދި ރަސްމީކޮށް ނުދެ އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ ފިލްމު "އޫޗާއީ" އެވެ. ސޫރަޖް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "މޭނޭ ޕިޔާރު ކިޔާ"، "ހަމް އާޕް ކޭ ހޭ ކޯން"، "ހަމް ސާތު ސާތު ހޭ"، "ވިވާ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެ އެވެ.