Last Updated: April 20, 11:28
Sunday, April 20, 2025
ޚަބަރު

ރައީސް، އަބްދުއްރަހީމްއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރު ވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމަށް ހީނާ ވިދާޅުވި އެވެ.

މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު މިދިޔަ މަހުގެ 28 ގައި ރައީސް ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކި ކުރައްވައިފަ އެވެ.

އެއާއެކު ރައީސް އާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، މިއީ އޭގެ ފަހުން ރައީސް އާއި އަބްދުއްރަހީމް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.