Last Updated: April 11, 11:14
Friday, April 11, 2025
ރިޕޯޓް

ހުކުރު ދުވަހުގެ ފައިދާތައް (5)

(ފެބްރުއަރީ 21 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

19. ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރެއްވުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އެގޮތުން އެ ދުވަހުގައި އެކަލޭގެފާނުގެ ބައެއް ޢަމަލުފުޅުތަކަށް ބަލާލައިފި ކަމުގައިވާ ނަމަ އަޅުގަނޑުމެންނަށް މިކަން ވަރަށް ރަނގަޅަށް ސާފުވެގެން ދާނެ އެވެ. ހުކުރު ދުވަހުގެ ފަތިސްނަމާދުގައި އެކަލޭގެފާނު سورة السجدة އަދި سورة الإنسان ކިޔަވާ ވިދާޅުވައެވެ. އަދި ހަމައެހެންމެ ހުކުރު ނަމާދަށް ޚާއްޞަކޮށް ހިނައިގަތުމާއި، މީރުވަސް ދުވާ ހުނވަދު ތުރުކުރައްވަވަ އެވެ.

އެ ދުވަހުގެ ޖަމާޢަތަށް ޙާޟިރުވާހިނދު އެންމެ ރީތި ހެދުން ތުރުކުރައްވައެވެ. އަދި އެދުވަހުގެ ޖަމާޢަތަށް މިސްކިތަށް އަވަހަށް ދިއުމަށް ބާރުއަޅުއްވާފައި ވެއެވެ. ހަމައެހެންމެ އިމާމު މީހާ މިންބަރަށް އަރައިފުމަށްދާންދެން ސުންނަތް ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމުގައި މުޝްޣޫލުވުމަށް ބާރު އަޅުއްވާފައިވެ އެވެ.

ހަމަ އެފަދައިން ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމަކީ މަތިވެރި ސުންނަތެކެވެ. އެ ދުވަހުގައި އެކުލެވިގެންވާ ساعة الإجابة (ދުޢާ އިޖާބަ ކުރެވޭ ވަޤުތު) ހާޞިލުކުރުމަށް އެކަލޭގެފާނު އުންމަތައް އިރުޝާދު ދެއްވާފައިވެއެވެ. ހުކުރު ދުވަހު މާތް ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމަކީވެސް މަތިވެރިވެގެންވާ ސުންނަތެކެވެ. މަތީގައި ބަޔާންވެފައި އެވަނީ ހުކުރު ދުވަހު މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދްޔުގެ ތެރޭ ހިމެނިގެންވާ ބައެއް ކަންކަމެވެ.

އޭގެ ތަފްޞީލުތައް މިފޮތުގެ ކުރިއަށްހުރި ބައިތަކުގައި އަންނާނެއެވެ. އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވަނީ މިކަންތައްތަކުގައި ހިފައި މި ބަރަކާތްތެރި ދުވަހުގެ މަތިވެރިކަން ފުރިހަމަ ގޮތުގައި ލިބިގަނެވޭތޯ މަސައްކަތް ކުރުމެވެ.

20. ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ))[1] މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. ((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق))[2] މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”

21. ހުކުރު ދުވަހު މާތް ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރާށެވެ. އެހެނީ ﷲ ތަޢާލާ ވަނީ އެކަމަށް އީމާންވީ މީސްތަކުންނަށް ގޮވާލައްވާ އަމުރު ކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. (إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚيَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا)[3] މާނައީ: “ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވީ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އެކަލޭގެފާނު މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރަށެވެ. އަދި ސަލާމްކުޅައުމުން ސަލާމްކުރާހުށިކަމެވެ.” އިބުނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. “ބައެއް ޢިލްމުވެރިންގެ ކިބައިން މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން އުމުރުން އެއްފަހަރުގައި، ވާޖިބުވެގެންވާ ކަމަށް އައިސްފައިވެއެވެ. އެއީ މިއާޔަތަށް ޢަމަލުކުރުމުގެ ގޮތުންނެވެ. އެޔަށްފަހު ކޮންމެ ޙާލެއްގައިވެސް ސުންނަތް ވެގެންވެއެވެ.”

ކުރިން ވެސް ބަޔާންވެ ދިޔަ ފަދައިން ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އަދި ޚަލްޤުތަކުން ކުރެ އެންމެ މާތް ޚަލްޤަކީ މާތް ނަބިއްޔާއެވެ. ހުކުރު ދުވަހު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކުޔެވުންގިނަ ކުރަން ޖެހޭ ސަބަބަކީ އެއީއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

(إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ)[4] މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށްވާ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ.

ފަހެ އެދުވަހުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ.” (ނުނިމޭ)

މަސްދަރު: ދިސަލަފިއްޔާ