Last Updated: April 11, 11:14
Friday, April 11, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ކުންނާރު ގަސް

ކުންނާރު ގަހަކީ ރާއްޖޭގައި ކުރިން ވަރަށް އާންމުކޮށް ފެންނަ ގަހެކެވެ. ނަމަވެސް މިހާރަކަށް އައިސް މިގަސް ރާއްޖެއިން ފެންނަ މިންވަރު އަންނަނީ މަދުވެމުންނެވެ. މި ގަސް އާންމުކޮށް ހެދެނީ 5-7 މީޓަރާ ދެމެދުގެ އުސްމިނަކަށެވެ. މިއީ ހާވިޔާކޮށް ފެތުރިފައިވާ، ކުދިކަށި، ތަކެއް ހުންނަ ގަހެކެވެ.

ކުންނާރު ގަހުގެ ފަތްތަކަކީ ގާތްގަނޑަކަށް އިންޗިއެއް ނުވަތަ ދޮޅު އިންޗި ހައި ދިގުމިނުގެ، މެދަށް ފަލަ، ތަނޑުކޮޅަށް ހިމަ، އަދި ފަތުގެ ނިމޭ ކޮޅު ވަށްކޮށް ހުންނަ ފަތްތަކެކެވެ. ގަހުގެ ތޮށިގަނޑު ހުންނަނީ ދިގަށް ޅިޔަ އެޅިފައި ހުންނަ ގޮތަށް ފެޅިފައި ރާޅުކޮށެވެ. ގަހުގެ ލަކުޑިއަކީ ކީލި ހިމުން ތަތް ލަކުޑިއެކެވެ. މި ލަކުޑި ބޭނުންކުރެވެނީ ރާޒުވަ އަދި ކުޅިބައި ފަދަ ތަކެތި ލިޔުމަށެވެ.

ކުންނާރު މަލަކީ މަޑު ފެހި ކުލައިގެ، ފަސް ފިޔަޔަށް ހުންނަ ކުދި މަލެކެވެ. މި މާ ނުކުންނަނީ ފަތުބުޑުންނެވެ. މި މަލުން އުފެދޭ މޭވާ ނުވަތަ ކުންނާރަކީ ފެހި ކުލައިގައި ހުންނަ، ވިޓަމިން ސީ ގިނަ މޭވާއެކެވެ. މި މޭވާ ފައްކާވުމުން ހުންނަނީ ދޮންކުލައިގަ އެވެ. އަދި ފާވުމުން ހުންނަނީ ރަތް ކުލައިގަ އެވެ. ކުންނާރުގެ ބާވަތްތަކުގެ ތެރޭގައި ހުތް ކުންނާރާއި، ފޮނި ކުންނާރު ހިމެނެ އެވެ. ސައިޒުގެ ގޮތުން ލާގުޅަ ވަރުގެ ކުންނާރާއި ލުބޯ ވަރުގެ ކުންނާރު ހުރެ އެވެ.

ކުންނާރު ގަހުން ހިފޭ ބޭނުން:

ކުންނާރާއި ކުންނާރު އޮށާއި ކުންނާރު ފަތަކީ ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ތަކެއްޗެވެ. ޚާއްޞަކޮށް މައްޔިތަކު ހިނަވާއިރު ކުންނާރު ފަތް ފުނޑާފައި އެ ފަތް ގިރުވާފައި ހުންނަ ފެން ބޭނުންކުރުމަކީ ކުންނާރު ފަތުން ކުރާ ޚާއްޞަ ބޭނުމެކެވެ.

ގަސް އިންދާ ހެއްދުން:

ކުންނާރު ގަސް ގިނަ ކުރެވޭނީ އޮށް މުޑުވައްކޮށްގެން ނުވަތަ ވެލި ބަނދެ މުލައިވައިގެންނެވެ.

ގަސް ހެދޭ ސަރަޙައްދު:

ކުންނާރު ގަހަކީ ހައްތުއިސްތިވާ ސަރަޙައްދުގައި ގިނައިން ހެދޭ ގަހެކެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ކުންނާރު ގަސް ގިނައިން ހެދެ އެވެ.

ކުންނާރު ގަހަކީ ރާއްޖޭގެ ޘަޤާފަތާއި ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ގަހެކެވެ. މި ގަހުގެ ބޭނުން ކުރެވެނީ ހަމައެކަނި މޭވާއެއްގެ ގޮތުގައި ނޫނެވެ. ބޭސްވެރިކަމާއި އާދަކާދަތަކުގައި ވެސް މި ގަހުގެ ބޭނުން ހިފެއެވެ. އެހެންކަމުން، ކުންނާރު ގަހަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ގަހެއް ކަމަށް ބުނެވި ދާނެ އެވެ.

މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ