ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ސްރީ ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ހަލީލު ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ލަންކާ އިން ރާއްޖޭގެ ތަރައްގީއަށް ފޯރުކޮށްދިން އެހީތަކާއި ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާއާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާގައި އަދި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް އެގައުމުން ފޯރުކޮށްދޭ އެހީތަކަށް ހަލީލު ޝުކުރު އަދާކުރެއްވި އެވެ.
ލަންކާގެ ބޮޑުވަޒީރު ވަނީ ތަފާތު އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން ރާއްޖެއާއެކު މަސައްކަތް ކުރަން ލަންކާ ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މި ދަތުރުގައި މިނިސްޓަރު ހަލީލު ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކައާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން، ލަންކާގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ލަންކާގެ ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކާއި ވެސް ހަލީލު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.