އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އާ ފިލްމެއްގެ ޝޫޓިން ފަށައިފި އެވެ.
މިދިޔަ އަހަރު "ދޭވްރާ: ޕާޓް 1" އިން ފެނިގެން ދިޔަ އެކްޓަރުގެ އާ ފިލްމަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "ކޭޖީއެފް" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، އެ ފިލްމު އުފައްދާ މައިތުރީ މޫވީ މޭކާސް އާއި އެންޓީއާރް ވެސް ސެޓުން ނަގާފައިވާ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
ފިލްމުގެ ނަން އަދި ރަސްމީކޮށް އޭގެ ޓީމުން ހާމަނުކުރި ނަމަވެސް މީޑިއާތަކުން ބުނީ މި ފިލްމުގެ ނަމަކީ "ޑްރެގަން" ކަމަށެވެ.
And it begins… #NTRNeel https://t.co/Te4RFvnT68
— Jr NTR (@tarak9999) February 20, 2025
"އާރްއާރްއާރް" ފަދަ މަގުބޫލު ފިލްމުތައް ކުޅެފައިވާ އެންޓީއާރް މި އަހަރު ބޮލީވުޑްގެ ފިލްމަކުން ވެސް ފެންނާނެ އެވެެ. އެއީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "ވޯ" ގެ ސީކްއެލްއިންނެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ކާސްޓްގައި ރިތިކް ރޯޝަނާއި ކިއާރާ އަދުވާނީ ވެސް ހިމެނެ އެވެ.
"ވޯ 2" ގެނެސްދޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެންޓީއާރްގެ "ޑްރެގަން" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 9 ގަ އެވެ.
މީގެ ޑައިރެކްޓަރު ޕްރަޝާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޕްރަބާސްއާ އެކު ގެނެސްދިން "ސަލާރް: ޕާޓް 1-ސީސްފަޔާ" އެވެ.