ސަރުކާރުން މުސާރައާއި އިނާޔަތްތަކަށް މިއަހަރުގެ މިހާތަނަށް ކުރި ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހަރަދަށް ވުރެ އިތުރުވެއްޖެ އެވެ.
މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު އެއްފަހަރު ޝާއިއުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ ދައުލަތުން ޚަރަދުކޮށްފައިވަނީ 3.04 ބިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.4 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު ރިކަރަންޓު ޚަރަދުތައްވަނީ 2.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ފާއިތުވި އަހަރު ރިކަރަންޓު ހަރަދުގެ ގޮތުގައި އެ މުއްދަތުގައި ހޭދަވެފައިވަނީ 3.2 ބިލިއަން ރުފިޔާ އެވެ. އިދާރީ އަދި ހިންގުމުގެ ހަރަދު މި މުއްދަތުގައި ހުރީ 1.7 ބިލިއަން ރުފިޔާގަ އެވެ.
ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރާ ހޭދަ އެވެ. އެގޮތުން މި މަހުގެ 13 ގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 1.14 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި މުސާރައާއި އިނާޔަތްކަށް ހަރަދުވީ 1.02 ބިލިއަން ރުފިޔާ އެވެ. އެއީ 11 އިންސައްތައިގެ އިތުރުވުމެކެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި 169.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ލޯނު އަނބުރާ ދެއްކުމަށް 474.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.