ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް ސްރީލަންކާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފި އެވެ.
މި މައުލޫމާތުތައް ހިއްސާކޮށްފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން މިއަދު އެގައުމުގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން އިގްތިސާދީ މުއާމަލާތްތައް މިހާރަށް ވުރެ ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކުގެ މައުލޫމާތު ލަންކާގެ ވިޔަފާރިވެރިންނާ ހިއްސާކުރެއްވި ކަމަށް ހަލީލު ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވި ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ މައުލޫމާތު ވެސް ލަންކާގެ ވިޔަފާރިވެރިންނާއި ހިއްސާކޮށްފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ.
ލަންކާގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ހަލީލު ކުރައްވާ މި ދަތުރުގެ ތެރެއިން އެގައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކައާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ވެސް ހަލީލު ބައްދަލުކުރައްވާނެ އެވެ.