Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ދަތިކަމުގައި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ އެހީ

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މަމްސް އެއިޑުން ހިންގާ "ރަމަޟާން އެއިޑް" ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނީ ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް މުވައްޒަފުންގެ ފަރާތުން ވަރަށް ދީލަތި އެހީއެއް ލިބިފައިވާ ކަމަށެވެ. މި އެހީއާއެކު މަމްސް އެއިޑުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީއާ ގުޅިގެން މަމްސް އެއިޑުން ބުނެފައިވަނީ ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން އެ ޕްރޮގްރާމަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި އެފަދަ އެހީތަކަކީ މުޖުތަމައަށް އެހީވުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް، އަދި ގިނަ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާ ކަމެއް ކަމަށެވެ.

ބޭންކުގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން މީގެ ކުރިންވެސް މަމްސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.