ރާއްޖޭގައި މިހާރު އޮތީ ވެރިކަން ހިންގުމުގެ ބާރު އެކަނި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ތިން ބާރު ފާރަވެރިވުމުގެ ވާހަކަތައް ދައްކާއިރު، ރާއްޖެއިން މިހާރު ފެންނަނީ ވެރިކަން ހިންގުމުގެ ބާރު ނޫން ބާރެއް ނެތްތަން ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް އޮތީ އެ ބާރުގެ މުށުތެރެއަށް ލާފައި ކަމަށެވެ.
"ވެރިކަން ހިންގުމުގެ ބާރު އެކަނި އޮތީ. ރައްޔިތުންގެ މަޖިލިސް މިއޮތީ ހިންގުމުގެ ބާރުގެ މުށުތެރެއަށް ލާފައި،" ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުންނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، ޔާމީން ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ދީފައިވާ ބާރުތަކަކީ ހުދޫދު ވެގެންވާ ބާރުތަކެއް ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް އެ މެމްބަރުންނަށް ކަންތައްތައް ނުކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި އޮތީ ކޮންމެ ކަމެއް ނިންމަން ރައްޔިތުންގެ ވޯޓަކަށްދާ ޑިމޮކްރެސީއެއް ނޫން ކަމަށާއި ރައްޔިތުންގެ ވޯޓަކުން އިންތިހާބުވެގެން އައިސް ތިބި ބަޔަކު މުޅި ގާނޫނު އަސާސީ ނުވަތަ އޭގެ ބާބެއް ނިއުޅާލާއިރު ސުޕްރީމް ކޯޓުގެ އިހުތިސާސް އޭގެތެރެއަށް ނުވަންނަ ކަމަށް ވަކާލާތު ކުރައްވާތީ އެއީ މައްސަލައެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ބާރުތަކެއް ރައްޔިތުން އެމީހުންގެ މަންދޫބުންނަށް ދެނީ ރައްޔިތުން އެދޭގޮތަށް އެކަން ކުރަން ކަމަށާއި ނަމަވެސް އެއާ ހިލާފަށް ކަންކުރާނަމަ އެކަން ފައިސަލާ ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހާއި ދުސްތޫރީ ކޯޓުތަކަށް ލިބޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު މަޖިލިސް މިއަދު އޮތީ ތަޅުއެޅުވިފައި، ގޮނޑިކޮއްކޮ އަކަށް ވެފައި. އެހެންވީމަ ދެން އެކަން ފައިސަލާ ކުރަން އޮތް ބަޔަކީ ސުޕްރީމް ކޯޓު،" ޔާމީން ވިދާޅުވި އެވެ.