ކައުންސިލް އިދާރާގެ އިމާރާތް އަޅަން ނިންމާފައިވާ 55 ރަށުގައި އެ މަސައްކަތް މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މަޝްރޫއުގެ ދަށުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް އަޅަން ހަވާލުކޮށްފައި އޮތީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާ އެވެ. މިދިޔަ މަހުގެ ތެރޭގައި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) އަށް، ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސްގައި މިނިސްޓަރު އާދަމް ޝަތީގު ވިދާޅުވީ މިމަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން. އެޕްރީލް މަހުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.:
މި މަޝްރޫއުގެ ދަށުން އަޅާ ކައުންސިލ ްއިނާރާތްތަކުގެ ތެރެއިން ގާތަގަނޑަކަށް 39 ކައުންސިލް އިމާރާތް ހަދާނީ ދެ ބުރިއަށެވެ.
ވަރަށް ގިނަ ކައުންސިލްތައް ހިންގަމުން އަންނަނީ، ބާވެ ހަލާވެފައި ހުރި އަދި ޖާގައިގެ ގޮތުން ދަތި އިމާރާތްތަކުގަ އެވެ. އެހެންވެ އަލަށް ހަދާ އިމާރާތްތަކުގެ ސަބަބުން ކައުންސިލްތަކަށް ޖާގަ ތަނަވަސް ހިތްފަސޭހަ މާހައުލެއްގައި މަސައްކަތް ކުރުމުގެ މަގުފަހިވެގެން ދާނެ އެވެ.