ރާއްޖެއަށް ވަޑައިގަތުމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުރާމަ ދިސަނަޔަކަ އަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ދައުވަތު ދެއްވައިފި އެވެ.
މިނިސްޓަރު ހަލީލު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ރައީސާއެކު ބޭއްވި މިބައްދަލުވުމާ ގުޅޭގޮތުން ލަންކާގެ ރައީސްގެ އޮފީހުން ބުނީ ލަންކާ އިން އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން ކުރާ މަސައްކަތަށް ހަލީލު ތައުރީފު ކުރެއްވި ކަމަށެވެ. އަދި އެ މަސައްކަތްތައް ރާއްޖެއިން ގާތުން ބަލައި އެކަމުން ފިލަވާޅުތަކެއް ލިބިގަންނާނެ ކަމަށްވެސް ހަލީލު ވިދާޅުވި ކަމަށް އެ އޮފީހުން ބުނެ އެވެ.
ލަންކާގެ ރައީސްގެ އޮފީހުން ބުނިގޮތުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް މިނިސްޓަރު ހަލީލު ވަނީ ރައީސް އަނޫރާ އަށް ދައުވަތު ދެއްވައިފަ އެވެ.
މި ބައްދަލުވުމުގައި އަނޫރާ ވަނީ ރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހިކުރުމަށް ލަންކާއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިނިސްޓަރު ޚަލީލް ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުރަކީ ލަންކާގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ.