އަރަބި ބަސް ކިޔަައިދޭ މަޢްހަދެއް ރާއްޖޭގައި ގާއިމުކުރަން ސަޢުދީ ޢަރަބިއްޔާގެ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު އެޤައުމުގެ ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.
މިއީ ޢަރަބި ބަސް މުޅި ދުނިޔެއަށް ފުޅާކުރުމަށް އެ ގައުމުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތުގެ ދަށުން ނިންމަވާފައިވާ ނިންމުމެލެވެ. އެގޮތުން ތަންފީޒު ކުރުމަށްޓަކައި ރަސްގެފާނު ވަނީ ސައުދީގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީއާ ހަވާލުކުރައްވައިފަ އެވެ.
އެ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގާއިމުކުރާ މައުހަދުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއާ ގުޅިގެން އެ މައުހަދު ގާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ.
ޑރ. އަޙްމަދު ބިން ސާލިމް ވިދާޅުވީ ރާއްޖޭގައި ގާއިމުކުރާ އަރަބި ބަހުގެ މައުހަދަކީ ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، މެދުމިނުގެ އިންސާނީ އަދި ސަގާފީ އަހުލާގު ފެތުރުމަށް އެހީތެރިވެދީ އަދި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށް ދޭން ފަހިވާނެ ފުރުސަތެއް ކަމަށެވެ.
ސައުދީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ، ޑރ. ސާލިހްއާ ބައްދަލުކުރައްވައި، ރާއްޖޭގައި ޢަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން މިހާރު ވަނީ މަޝްވަރާ ވެސް ކުރައްވައިފަ އެވެ.