Last Updated: April 11, 11:14
Friday, April 11, 2025
ރިޕޯޓް

ރޯދަމަސް ފެށުމުގެ ކުރީ ދެ ދުވަހު ރޯދަ ހިފުމުގެ ޙުކުމް

ރޯދަމަސް އަންނަ އިރު ރޯދަ ކުރީން އަންނަ ދުވަސްތަކުގައި ރޯދަ ހިފުމުގެ ޙުކުމާއި އަދި ރޯދަ މަހާއި ގުޅުން ހުރި ކަންކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ތިރީގައި މިވަނީ އެގޮތުން އަޅުގަނޑުމެންނަށް އެނގެން ޖެހޭ މައްސަލައެކެވެ.

ރޯދަ މަސް ފެށުމުގެ ކުރީ ދެދުވަހު ރޯދަ ނުހިފުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާ ދުދެއްވަމުން ޙަދީޘް ކުރައްވާފައިވެ އެވެ.

(لَا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلَا يَوْمَيْنِ إِلَّا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ) رواه مسلم في صحيحه: 1082.

މާނައީ: “ރޯދަމަސް ކުރިން އެއްދުވަހު ނުވަތަ ދެދުވަހު ރޯދަހިފުން އިސްނުކުރާށެވެ. އެދުވަހު ރޯދަހިފާމީހާ މީހާގެ ރޯދައެއް(އެދުވަހާ ދިމާވެއްޖެނަމަ) ފަހެ އެމީހަކު ރޯދަހިފާށެވެ.”

އެއީ ރޯދަ ފެށުމުގެ ކުރީ ދެ ދުވަހެވެ. މިސާލަކަށް ރޯދަމަސް ފެށެނީ ހުކުރު ދުވަހު ކަމުގައިވާ ނަމަ ބުރާސްފަތި ދުވަހާއި އަދި ބުދަ ދުވަހެވެ. މިތަނުން ބުރާސްފަތި ދުވަހަކީ ޝައްކުގެ ދުވަހެވެ. އެދުވަހަށް ހަނދު ބެލޭ ދުވަހެވެ. ހަނދު ނުފެނިއްޖެ ނަމަ އެ ދުވަހު ރޯދަހިފުމެއް ނު ވެއެވެ. ހަނދު ފެނިއްޖެ ނަމަ ރޯދަ ހިފެ އެވެ. ޝައްކުގެ ދުވަހޭ ބުނެވެނީ އެކަމުގެ މައްޗަށެވެ. އެ ދުވަހު ރޯދަ ހިފުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

އެހެންކަމުން ޙަދީޘް ޢިލްމުވެރިން މި ޙަދީޘްގެ މުރާދުގައި ރޯދަމަސް އައުމުގެ ކުރީ ދެ ދުވަހު ރޯދަހިފުން ޙަރާމްކަމަށް ވިދާޅުވެ އެވެ. އެފަދައިން އިމާމު ނަވަވީ ޞަޙީޙް މުސްލިމުގައި ބަޔާން ކުރައްވާފައިވެ އެވެ. އެގޮތުން އެ ދެ ދުވަހު ރޯދަ ހިފުން އަންނަނީ އަންނަނިވި ތިންގޮތުގެ މަތީންނެވެ.

ފުރަތަމައީ: ރަމަޟާން މަހުގެ ރޯދަކަމަށް ދެކިގެން އެއް ދުވަސް އަދި ދެ ދުވަސް އިސްކޮށް ރޯދަ ހިފުމެވެ. މި ޙަދީޘްގައި ނަހީ އައިސްފައިވަ ނީ މިކަމަށެވެ. މިފަދައިން ރާފިޟީ ޝީޢާއިން ކަންތައް ކޮށްއުޅެއެވެ. އެއްވެސް ޙާލެއްގައި މިފަދައިން ކަންކުރުން ހުއްދަވެގެން ނުވެއެވެ. ރޯދަހިފުންވަނީ ހަނދު ފެނުމުންނެވެ. އަދި 30 ވަނަ ދުވަހަށް ހަނދު ނުފެނިއްޖެ ނަމަ ވަނީ ޝައުބާން މަހުގެ ތިރީސް ހަމަކުރުމެވެ.

ދެވަނައީ: ނަދުރު ރޯދައާއި ރޯދަމަހުގެ ނުހިފިހުރި ޤަޟާކުރަން ޖެހޭ ރޯދަ އަދި ކައްފާރާ ރޯދަ ފަދަ ރޯދަހިފުން ހުއްދަވެގެންވެ އެވެ.

ތިންވަނައީ: ސުންނަތް ރޯދަހިފުމެވެ. ސުންނަތް ރޯދަހިފުން ދެބަ ޔަކަށް ބެހެ އެވެ.

ހ. ސުންނަތް ރޯދައަކީ ކުރިން ހިފަމުން އައި ރޯދައަކާއި މިދެދުވަސް ދިމާވާނަމަ، މިސާލަކަށް ހޯމަ ބުރާސްފަތި، ދެ ދުވަހުން އެއްދުވަހު ހިފާ ރޯދަ ނުވަތަ ޝައުބާން މަހު ކުރީކޮޅުން ފެށިގެން ހިފަމުން އަންނަ ނަމަ މިރޯދަ ހިފުން ހުއްދަވެގެންވެ އެވެ. އެކަމުގައި މައްސަލައެއްނެތެވެ. މަތީގައިވާ ޙަދީޘްގެ ފަހުކޮޅުގައި އެ ބުނަނީ މި ވާހަކަ އެވެ.

ށ. ސުންނަތް ރޯދަ ހިފުން ކުރިން ނުހިފާ ހުރެ މި ދުވަހު އެކަނި ހިފުން ނުވަތަ ރޯދައާ ހިފުން މިގޮތަށް ރޯދަ ހިފުން މި ޙަދީޘްގެ ދަށުން ނަހީވެގެންވެ އެވެ. އެފަދައިން އެބަހީ އަލަށް ރޯދަ ހިފަން ފެށުންކަމުގައި ޙަދީޘްގެ ޝަރަޙައިގައި ޢިލްމުވެރިން ބަޔާން ކުރައްވާފައިވެ އެވެ.

މަސްދަރު: ދިސަލަފިއްޔާ