ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މިރޭ މާލޭގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު މާހެފުމުގައި މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންސީން މިއަދު ބުނީ މިރޭގެ މާހެފުމުގައި ޕާޓީގެ ރައީސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ކުރިން އިޢުލާން ކުރެވިފައި ވީނަމަވެސް، ރައީސްގެ ރަސްމީ ޝެޑިއުލް އަށް އައި ބަދަލަކާ ގުޅިގެން އެ ހަރަކާތުގައި ރައީސް އަށް ބައިވެރިވެ ވަޑައިނުގެންނެވޭ ކަމަށެވެ.
ނަމަވެސް ޕީއެންސީގެ ލީޑަޝިޕާއި މިނިސްޓަރުންނާއި މަޖިލިސް މެންބަރުން މާހެފުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އެ ޕާޓީން ބުނީ މި ފުރުސަތަކީ ރޯދަ މަހުގެ ކުރިން ރައްޔިތުންނާއި ސަރުކާރު އަދި ޕާޓީގެ ވެރިން ބައްދަލުކުރައްވާ ކަންކަން ހިއްސާ ކުރުމަށް ރައްޔިތުންނަށް ލިބޭ މުހިއްމު ފުރުސަތެއް ކަމުން މާހެފުމުގައި ވީހާވެ ސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މާހެފުން އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގަ އެވެ.