ރޯދަ މަހަކީ ހަޔާތް ބަދަލުކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ޑރ. އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ދަރުސްގައި ވާހަކަ ދައްކަމުން އިލްޔާސް ވިދާޅުވީ ރެޔާއި ދުވާލު މިދަނީ ފާފަތަކުގެ ތެރެއަށް ފީނަމުން ކަމަށާއި ރޯދަ މަހަކީ މި ކަންކަން ދުރުވެ، ހެޔޮ މަގަށް ރުޖޫއަވާން މާތްﷲ ދެއްވާ ރަނުގެ ފުރުސަތެއް ކަމަށެވެ.
"ރޯދަ ހިފައި، މާތްﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަން އަދާކޮށް، ކީރިތި ގުރުއާން ތިލާވަތު ކުރުމުގައި ގިނަ ވަގުތުތައް ހޭދަކޮށް، ރޭގަނޑުގެ އަޅުކަމުގައި އިމާމާއެކު ބައިވެރިވެ އެ ޝަރަފު ލިބިގެންފިނަމަ ޝައްކެއް ނެތް، ބާކީ އޮތް 11 މަސް އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ހޭދަވެގެންދާނެ. ހުރިހާ މަގެއް މާތްﷲ ސުބްހާނަހޫ ވަތައާލާ ތަނަވަސްކޮށްދެއްވާނެ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ކޮންމެ ފަރުދަކު ވެސް މާޒީއާ މެދު ފިކުރުކޮށްލުމަށްފަހު ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ މާތްﷲ ގެ ހަޟްރަތަށް ތައުބާވެ ރުޖޫއަވުން ކަމަށެވެ. އަދި މިފަދަ ހެޔޮ ކަމުގެ މޫސުމެއް މާތްﷲ މިންވަރު ކުރެއްވުމުން އޭގެ ފުރުސަތުގެ ބޭނުން ހިފައި، ފާފަތަކުން ތައުބާވާން އަވަސްވެގަންނަޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން އިންސާނާ ހެޔޮ ކަންކަމުން މަހުރޫމު ވުމަށް ވުރެ ބޮޑު މުސީބާތެއް އިންސާނާ އަށް ދުނިޔޭ މަތީގައި ކުރިމަތި ނުވާނެކަން ފާހަގަކުރައްވަމުން އިލްޔާސް ވަނީ މި ރަނުގެ ފުރުސަތުގެ ބޭނުން ނަގާ ނުލުމަށް ނަސޭހަތްތެރިވެފަ އެވެ.