ރާއްޖޭގައި ބޭނުން ކުރަން އުފައްދާ ސޯލާ ފެރީ އަންނަ އެޕްރިލް މަހު ރާއްޖެ ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
އެއީ 2022 ގައި ސަރުކާރުން އޯޑަރު ކުރި ފެރީއެކެވެ.
އޭރު ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އިން ދުވާ ގޮތަށް ބަންނަ ފެރީ އަކީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބްލް އެނަޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެޑިޝަނަލް ފައިނޭންސިންގެ ދަށުން ހިންގާ މަޝްރޫއެކެވެ.
އެގޮތުން 2022 ގެ ޖޫން މަހުގެ ތެރޭގައި ސޯލާ ފެރީ ބީލަމަށް ލުމުން އެ ބީލަން ކާމިޔާބުކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ
ނަވަލްޓް އިންނެވެ.
އެ ކުންފުނީގެ ސީއީއޯ ސަންދިތު ތަންޑަޝެރީއާ ހަވާލާދީ އިންޑިއާގެ ބައެެއް ނޫސްތަކުން ބުނެގައި ވަނީ އެ ފެރީގެ މައިގަނޑު ސްޓްރަކްޗާ ނިމި، އިންޓީރިއާ އާއި ކުލަ ކުލުމުގެ މަސައްކަތް އަންނަ މަހަށް ނިންމާލެވޭނެ ކަމަށެވެ. އެހެންވެ އެޕްރީލް މަހުގެ ތެރޭގައި އެ ފެރީ ރާއްޖެ ގެނެވޭނެ ކަމަށް އޭނަ ވިދާޅުވެފައިވެ އެވެ.
މި ސޯލާ ފެރީ ބަނދެފައި ވަނީ 50 ކިލޯވޮޓްގެ މަންޓާ ޑީއެންވީ އެޕްރޫވްޑް އެލްއެފްޕީ ބެޓަރީ ޕެކަކާ އެކު 40 ކިލޯވޮޓްގެ އިންބޯޑް އިލެކްޓްރިކް މޮޓޯ ހަރުކޮށް، 25 ކިލޯވޮޓްގެ ސޯލާ ޕެނަލް ފެރީގެ މަތީގައި ހިމެނޭ ގޮތަށެވެ.
ދިގު މިނުގައި 26 މީޓަރު ހުންނަ ފެރީގެ ފުޅާ މިނަކީ ހުންނަނީ ހަތް މީޓަރެވެ.