Last Updated: April 11, 11:14
Friday, April 11, 2025
ރިޕޯޓް

ރަމަޟާން މަހަށް މަރުޙަބާ ކިޔާނީ ކިހިނެއް؟

ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލު ކުރަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ކޮޅުނެތް ކޮޅަށް ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ކޮޅުނެތް ކޮޅަށް ރަޙްމަތް ތަނަވަސްވެގެންވާ މައްސަރެކެވެ. މިއީ ތައުބާގެ މައްސަރެވެ. މިއީ މަޣްފިރަތުގެ މައްސަރެވެ. މިއީ އިލާހީ ރަޙުމަތުގެ މައްސަރެވެ.

މި މަތިވެރި މައްސަރުގެ މަތިވެރިކަން ޣަނީމާ ކުރަން އަޅުގަނޑުމެން ތައްޔާރުތޯއެވެ؟ އެހެން ކަމަށްވާ ނަމަ، ހިތާއި ރޫޙާ، ޖާނާއި މާލުން މި މަހުގެ މަތިވެރިކަން ޙާޞިލުކުރަން ތައްޔާރުވާން އެބަ ޖެހެ އެވެ. މިފަދަ އެހެން ފުރުޞަތެއް ދެން ނުލިބިދާނެ އެވެ. މަރު އަންނާނެ އިރެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެހެންކަމުން، އިލާހީ މަތިވެރި މިފަދަ ދެއްވުންތައް އަޅުގަނޑުމެން ޤަބޫލު ކުރަން ކަމަރު ބަނދެލަން ވާނެ އެވެ.

ކޮންމެއަކަސް މިފަދަ މަތިވެރި މަހަކަށް މަރްޙާބާ ކިޔިދާނެ ވަރަށް ގިނަ ގޮތްގޮތް ހުންނާނެ އެވެ. އެގޮތުން އަޅުގަނޑުގެ ނިކަމެތި ސިކުނޑިއަށް އައި މަދު ކަމެއް މިތަނުގައި ހިމަނާލާނަމެވެ.

1. ތެދުވެރި ތައުބާއަކުން ތައުބާވުން:

އަޅާއަށް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަކީ ވާޖިބެކެވެ. އަދި އެނގިގެން ފާފައެއް ކުރެވިފައި ނުވިކަމުގައި ވިޔަސް އަބަދުމެ ތައުބާމަތީގައި ހުރުމަކީ މާތް ނަބިއްޔާ صلى الله عليه وسلم އުއްމަތަށް ދަސްކޮށްދެއްވާފައިވާ ވަރަށް މަތިވެރި ނަމޫނާއެކެވެ. އެހެންކަމުން، ތައުބާވުމާއި އިސްތިޣްފާރުކުރުން މަތީގައި އަބަދުމެ ތިބެވޭތޯ އަޅުގަނޑުމެން ބަލަންވާނެއެވެ. އެއީ މިމަހަށް ވަކިން ޙާއްޞަކުރެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް، މިކުރިމަތިވަނީ ބަރަކާތްތެރި މަހެއް ކަމުން މިމަހާ ބައްދަލުވާ ހިނދު އިތުރަށް ހިތް ނިޔަތް ސާފުކޮށް ތައުބާވުމީ މިމާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

2. ގިނަގިނައިން ދުޢާ ކުރުން:

މި އުންމަތުގެ ބައެއް ސަލަފުއްޞާލިޙުންގެ ފަރާތުން ވާރިދުވެގެންެވެއެވެ. ރޯދަ މަސް ޖެހެން ހައެއްކަ މަހަށް ވުމުން އެބޭކަލުން މާތް ﷲ ގެ ޙަޟްރަތަށް ކުރިޔަށް އޮތް ރޯދަމަސް އެބޭކަލުންނަށް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވައެވެ. އަދި ރޯދަމަސް ނިމުމުން އަނެއް ފަސްވަރަކަށް މަހު، އެރޯދަ މަހުގައި ހިފި ރޯދައާއި ކުޅަ އަޅުކަންތައް ޤަބޫލުކުރެއްވާތޯ މާތް ﷲ ގެ ޙަޟްރަތަށް ދުއްވާ ކުރައްވަތެވެ.

މިކަމަށް އަޅުގަނޑުމެން ބޭނުން ޖެހިފައިވާލެއް އެބޭކަލުންނަށް ވުރެން ބޮޑެވެ. އެހެނީ، އީމާނާއި ތަޤްވާވެގޮތުން އެބޭކަލުންނަށްވުރެ ފަހަތުގައި އަޅުގަނޑުމެންނަށް ތިބެވޭތީއެވެ. އަދި ފާފަކުރުންވެސް އެބޭކަލުންނަށް ވުރެ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައިވުމެވެ. އެހެންކަމުން، ރަަމަޟާންމަހުގައި އޮއްސައިލެވޭ އިލާހީ ރަޙްމަތަށް އެންމެ ބޭނުންޖެހިފައިވާ ބަޔަކީ އަޅުގަނޑުމެންކަމާ މެދު އެއްވެސް ޝައްކެއްނެތެވެ.

ވުމާއެކު، ވީހާވެސް ގިނަގިނައިން މާތް ﷲ ގެ ޙަޟްރަތަށް ދެއަތް އުފުލާ، މި މަހުގެ މަތިވެރިކަން ޙާޞިލުވާ ބަޔަކުކަމުގައި އަޅުގަނޑުމެން ލެއްވުން އެދި ދުޢާކުރުން އެދެވިގެންވެއެވެ.

3. މިމަތިވެރި މާތް މައްސަރާއި ބައްދަލުވާތީ އެކަމާ އުފާކުރުން:

މާތްﷲ ގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމުއަޅާއާ ބައްދަލުކުރާ ވަރަށްވެސް ޚާއްޞަ އަދި ބޮޑު ނިޢުމަތެއްކަމުގައި މިމަސް އޭނާޔާ ބައްދަލުކުރުންވެގެންދެއެވެ. އެހެނީ މިއީ ހެޔޮކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކާއިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. މާތް ﷲގެ ރަޙުމަތް އޮއްސާލެވޭ މޫސުމެކެވެ. އުފާވެރިކަމުގެ މޫސުމެކެވެ.

އެހެންކަމުން، މި މައްސަރު ބައްދަލުވާތީ އެކަމާ އުފާކުރުމަކީވެސް ހެޔޮ ރަނގަޅު ޞާލިޙު ޢަމަލެއް ކަމުގައި މެނުވީ ނުވާނެއެވެ. އަދި މި އުފާ ކުރުމަކީ އެ މައްސަރު އައިސް ބައްދަލުވުމުން އަޅުކަމުގައި ހީވާގިވުމަށް ލިބޭނެ ހިތްވަރެއްކަމާމެދަކުވެސް ޝައްކެއްނެތެވެ. އެފަދަ އަޅަކު ހުންނާނީ، މި މަހަށްޓަކައި އޭނާގެ ހިތް ފުރިހަމައަށް ހުޅުވާލައިގެންނެވެ.

4. ރޯދަ މަހުގެ ޙުކުމްތަކާއި ބެހޭ ގޮތުން ބަލައި އޮޅުން ފިލުވުން:

ރޯދަމަހުގެ ޘަވާބާއި ދަރުމަ ހޯދުމަށް ކުރެވިދާނެ އެންމެ ފުރަތަމަ ކަމަކީ، ރޯދަ މަސް ބައްދަލުވުމުގެ ކުރިން ރޯދައާ ބެހޭ ގޮތުން ހުރި ރޯދައިގެ އަޙްކާމްތައް ބަލައި މުޠާލިޢާކުރުމެވެ. އެގޮތުން ރޯދައާ ބެހޭގޮތުން ޢިލްމުވެރީން ލިޔުއްވާފައި ހުންނަ ލިޔުންވުންތައް ކިޔުމާއި ރޯދަމަހާ ގުޅޭގޮތުން ބޭއްވޭ ޚާާއްޞަ ދަރުސްތަކުގައި ބައިވެރިވުން ހިމެނެ އެވެ.

އެހެނީ، މިކަމުގެ ސަބަބުން ތިބާގެ ރޯދައިގެ ފިޤުހު އިތުރުވެ ފުރިހަމަ ގޮތުގައި ރޯދަ ހިފުމުގެ ތައުފީޤު ލިބިގެން ދާނެ އެވެ. އަދި ތިމާ އަށް އެނގޭ މިންވަރުން ރޯދައާ ބެހޭގޮތުން އަނބިދަރީންނަށް އުގަންނައިދިނުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެނގޭ އެއްޗެހި އެހެންމީހުންނަށް ބުނެދިނުމަކީ އެ މަޢުލޫމާތުތައް ސިނކުޑީގައި ހަރުލާނެ ކަމެކެވެ.

5. ޝަޢުބާން މަހުގެ ސުންނަތް ރޯދަ ހިފުން:

عَنْ أُسَامَة بْن زَيْدٍ قَالَ: قُلْتُ: يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ، قَالَ: ((ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ)) [رواه أحمد والنسائي وحسنه الألباني]

މާނައީ: މާތް ﷲ ރުއްސުންލެއްވި أسامة بن زيد ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާން މަހު ކަލޭގެފާނު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ތިފަދަ ގޮތަކަށް ރޯދަ ހިއްޕަވާ ތަނެއް ނުފެނެއެވެ. ޙަދީޡްފުޅުކުރެއްވިއެވެ: “ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުވާ މަހަކީ މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެކެވެ. އަދި އެމަހަކީ ޢާލަމްތަކުގެ ވެރި ރައްބަށް އަޅާގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލު އުފުއްލެވޭއިރު ރޯދައަށް ހުންނެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.”

ޝަޢުބާން މަހުގައި އެކަލޭގެފާނު (ޞައްލަﷲ ޢަލަހި ވަސައްލަމް) ގިނައިން ރޯދަ ހިއްޕެވުމުގެ ޙިކުމަތް ވަރަށް ސާފުކޮށް ޙަދީޡުން ބަޔާންވެގެން ހިނގައްޖެ އެވެ. އެއީ އެމަހުގައި އަޅުތަކުންގެ ޢަމަލު ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަސް ކަމަށްވާތީ އެވެ. ނަމަވެސް މިއަށް ޢިލްމުވެރީން އިތުރުކުރައްވާ އެހެން ޙިކުމަތެއް ވެސް ވެއެވެ. އެއީ ފަރުޟު ނަމާދުތަކުގެ ކުރިން އިހު ސުންނަތް ކުރާ ފަދައިން ކުރެވޭ ކަމެއްގެ ގޮތުގައިވުމެވެ.

ފަރުޟު ނަމާދުގެ ކުރީން ސުންނަތް ކުރުމަކީ ނަމާދަށް ތިމާގެ ޚުޝޫޢަތްތެރިކަން އިތުރުވެ، ފަރުޟު ނަމާދަށް އިތުރު ސަމާލުކަމެއްދެވި ފުރިހަމައަށް ތައްޔާރީވާން ލިބޭތީއެވެ. ހަމަ އެގޮތަށް ޝައުބާން މަހު ރޯދަ ހިފުމަކީ ރަމަޟާން މަހަށް ވެވޭ ތަމްރީނެއްގެ ގޮތުގައި ބައެއް ޢިލްމުވެރީން ސިފަކުރައްވައެވެ.

ކޮންމެއަކަސް އިސްވެ ބަޔާންވެގެން ދިޔައީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ބައެއް ކަންކަމެވެ. މީގެ އިތުރުންވެސް ކުރެވިދާނެ ގިނަ ހެޔޮ ކަންކަން ހުރެދާނެ ކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން، އެފަދަ ރަނގަޅު ހެޔޮ ގޮތްގޮތަށް މި މަހަށް މަރުހަބާ ކިޔުމަށް ހުރިހާ އަޚުންނާއި އުޚުތުންނަށް ވަޞިއްޔަތް ކުރާ ހާލު ޙަމްދާއި ޞަލަވާތާއި ސަލާމުން ލިޔުން ނިންމާލަމެވެ.

މަސްދަރު: ދިސަފިއްޔާ