މާލެ ސަރަހައްދުގެ ރައްޔިތުން ދަރުތު ދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ކުޑަގިރި އަށް ދެ އަހަރު ފުރުން އިއްޔެ ފާހަގަކޮށްފި އެވެ.
މިދިޔަ ސަރުކާރުން ތަރައްގީކުރި އެ ރަށް ރަސްމީކޮށް ހުޅުވީ ފެބްރުއަރީ 11، 2023 ގަ އެވެ.
ކުޑަގިރި އަށް ދެއަހަރު ފުރުމާ ގުޅިގެން އެ ރަށް މެނޭޖްކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލާއި، ޗެއާމެން އަހުމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން އިއްޔެ ވަނީ ކުޑަގިރި އަށް ޒިޔާރާތް ކުރައްވައި އެ ރަށުގެ އިންތިޒާމުތައް ވެސް ބައްވަލާލައްވައިފަ އެވެ.
ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުކަމިން އިއްޔެ ވަނީ އެފަދަ ގަސްތަކެއް ވެސް ރަށުގައި އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މިއީ މި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމާ ވެސް ގުޅުވައިގެން ކުރިއަށް ގެންދިޔަ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ކުޑަގިރިއަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ. އަދި އެ ރަށަށް ދަތުރުދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 ޕަސެންޓް އިން މަތީގައި ކަމަށް ވެސް ބުންޏެވެ.
އެގޮތުން، ކުޑަގިރިއަށް ދަތުރު ދިއުމާއި، އެ ތަނުގެ ވަސީލަތްތައް ބުކްކުރުން ފަސޭހަ ކުރުމަށް އިއްޔެ ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ވެސް ހުޅުވައިފަ އެވެ. އެތަނުން ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ޚި ދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށް ބުންޏެވެ.
އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ޝައުގުވެރި ކުރުވުމަށް ކުޑަގިރީގައި ޚާއްސަ ޑައިވް ސައިޓެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ. މިއީ އެޗްޑީސީ އާއި އެމްއެމްޕީއާރްސީގެ އިތުރުން އަދި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ކުޑަގިރި އަކީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެން ތަރައްގީކުރި ރަށެކެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ. މި ރަށަކީ ލޯންޗަކުން މާލޭން ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ރަށެކެވެ.