Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

ބިޕާޝާގެ ފިރިމީހާ އަނެއްކާ ވެސް ސިލްސިލާއަކަށް

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރު ކަރަން ސިންގް ގްރޯވާ ފަސް އަހަރު ފަހުން އަނެއްކާ ވެސް ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ މި ފަހަރު ސޮއިކުރި ސިލްސިލާ އަކީ ޒީޓީވީން ގެނެސްދޭން ތައްތާރުވަމުން އަންނަ "ތުމް ސޭ ތުމް ތަކް" ކަމަށެވެ. މީގައި ކަރަން، 42، އާ އެކު ލީޑް ބަތަލާގެ ރޯލުން ފެންނާނީ ނިހާރިކާ ޗޯސްކީ، 20، އެވެ.

ކަރަން އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ އެކްތާ ކަޕޫރް 2018-2020 އަށް ސްޓާ ޕްލަސް އަށް ގެނެސްދިން "ކަސޯޓީ ޒިންދަގީ ކޭ" ގެ ސީޒަން ދޭކެވެ. އޭގައި އޭނަ ކުޅުނީ ރިޝަބް ބަޖާޖްގެ ރޯލެވެ.

ކަރަން ކުޅުނު ސިލްސިލާތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗަކީ ޒީޓީވީން 2012-2013 އަށް ގެނެސްދިން "ގުބޫލްް ހޭ" އެވެ. އޭގެ ވެބް ސީޒީޒް "ގުބޫލް ހޭ 2.0" 2021 ގައި ޒީ5 އިން ޕްރީމިއާކޮށްފައިވެ އެވެ.

ކަރަން އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ރިލީޒްކުރި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ "ފައިޓާ" އެވެ. ބޮލީވުޑަށް ނުކުތް ނަމަވެސް އޭނަ އަށް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ. ކަރަން ކުޅުނު ފިލްމުތަކުގެ ތެރޭގައި ބިޕާޝާއާ އެކު ކުޅުނު 2015 ގެ "އެލޯން" ގެ އިތުރުން ހަމަ އެ އަހަރުގެ "ހޭޓް ސްޓޯރީ 3" ހިމެނެ އެވެ.