އިންޑިއާގެ މަގުބޫލު އައިސް ކްރީން ބްރޭންޑެއް ކަމަށްވާ "ނޯޓޯ" އަށް އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރި، ޖޯން އަބްރަހަމް އިންވެސްޓްކޮށްފި އެވެ.
މީޑިއާތަކުން ބުނީ އެ ބްރޭންޑް އިންޑިއާގެ ގިނަ ސިޓީތަކަށް ފުޅާކުރަން ފަންޑް ހޯދަން ހިންގި ހަރަކާތްތަކާ ގުޅިގެން 15 ކްރޯޑް ރުޕީސް (1.7 މިލިއަން ޑޮލަރު) ހޯދާފައިވާ އިރ، އެ ބްރޭންޑަށް ޖޯން ވެސް އިންވެސްޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖޯންގެ އިިންްވެސްޓްމަންޓާ ގުޅޭ އިތުރު ތަފުސީލަށް ނުގޮސް "ނޯޓޯ" އިން ބުނީ ޖޯން ކަހަލަ ސިއްހަތަށް ވަރަށް އިސްކަންދޭ އަދި ވަރަށް ގިނަ ބަޔަކު ފިޓްނެސް އައިކަންއެއްގެ ގޮތުގައި ދެކޭ މީހަކު، ބްރޭންޑާ ހިއްސާވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ނޯޓޯ" އަކީ 2019 ގައި ލޯންޗްކުރި ބްރޭންޑެކެވެ. އެ ބްރޭންޑް ޕްރޮމޯޓްކުރަނީ ސިއްހަތަށް ފައިދާ ހުރި "ގިލްޓް-ފްރީ" ބްރޭންޑެއްގެ ގޮތުގަ އެވެ. އެގޮތުން އައިސް ކްރީމާއި ތަފާތު އެކި ވައްތަރުގެ ޑެޒާޓްތައް ވިއްކަ އެވެ.
"ނޯޓޯ" ގެ ވިޔަފާރި މި ވަގުތު ބިނާވެފައި އޮތީ މުމްބާއީ އާއި ނިއު ދިއްލީ އާއި ބެންގަލޫރާއި ހައިދަރުއާބާދާއި ޗެންނާއީ އަދި ޕޫނޭއަށެވެ. ނަމަވެސް އަލަށް ހޯދި ފަންޑާ އެކު އެ ބްރޭންޑް އިތުރު ސިޓީތަކަށް ފުޅާކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ކަލްތަލާ، އަހުމަދުއާބާދު އަދި ލަކްނޯ ހިމެނެ އެވެ.
"ނޯޓޯ" ގެ ބާނީންނަކީ ދެމަފިރިން ކަމަށްވާ ވަރޫން ސޭތީ އާއި އަޝްނީ ސޭތީ އެވެ.