"ނޫރުލް އަޛާން" ގެ ނަމުގައި ބާއްވާ ބަންގި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން 10 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރާނީ ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ ހަ ބައިވެރިންނެވެ. ފައިނަލް ބުރުގައި ވާދަކުރާ 6 ބައިވެރިންގެ ތެރޭގައި ގަދަ ތިނެއް ހޮވާނެ އެވެ.
މި މުބާރާތުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވާފައި ވަނީ އެކަމަށް ބޭއްވި އޮޑިޝަންއަކުންނެވެ. އެ އޮޑިޝަންގައި 20 ބައިވެރިން ވާދަކޮށްފައިވެ އެވެ.
"ނޫރުލް އަޛާން" ގެ މަޤުސަދަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމާއި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރުއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މާލ އާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމެވެ.
މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ އިރު، މި އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.