ރާއްޖޭގެ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭން ނިންމާފައޮވާތީ އެކަމަށް އެލުވަލައި އުސޫލު މިހާރު ނިމިފައިވާތީ އެ ފުރުސަތަށް ވަރަށް އަވަހަށް ހުޅުވައިލަން ނިންމައިފި އެވެ.
މިކަން މީޑިއާތަކާ ބެހޭ މިނިސްޓަރު އިބްރާހީމް ވަހީދު ހިއްސާކުރެއްވީ މީޑިއާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމާއެކު މީޑިއާގެ ފަރާތްތައް ބާރުވެރި ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ހިޔާލު ބަދަލުކޮށްލުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން މީޑިއާތަކުގެ އެޑިޓަރުންނާއި ވެރިންނާ އެކު ބޭއްވި 'ހައި-ޓީ' އެއްގަ އެވެ.
އޭގައި މީޑިއާއާ ގުޅުން ހުރި ގިނަ ދާއިރާތަކުން މީޑިއާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައި ހިޔާލު ބަދަލު ކުރައްވާފައިވެ އެވެ.
އެގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވުމާއެކު މާލީ އެހީދޭނެ އުސޫލެއް އެކުލަވާލުމަށް، ބްރޯޑްކާސްޓިން ކޮމިޝަނާއިދި އޮންލައިން މީޑިއާތަކުގެ ގިނަ ވެރިންނާއެކު ކުރެވުނު މަޝްވަރާއާ އެއްގޮތަށް މިހާރު ވަނީ އުސޫލު އެކުލަވާލައި ނިމިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ އުސޫލު ގެޒެޓް ކުރެވުމާއެކު ލަސްލަތެއް ނުވެ ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލެވޭނެ ކަން މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ބްރޯޑްކޮމާއި މީޑިއާ ކައުންސިލް އެއްކޮށްލުމާ ގުޅޭގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭގޮތުން ވެސް މިނިސްޓަރު ވާހަކަ ދެއްކެވިއެވެ. އެގޮތުން އެ ދެ މުއައްސަސާ އެއްކޮށްލުމަށް އެއްވެސް ނޫސްވެރިއަކު ދެކޮޅު ނުހަދާ ކަމަށާއި، އެއީ އެކަން އޮންނަން ވީ ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ދެ މުއައްސަސާ އެއްކޮށްލުމަށްޓަކައި ހަދަން ޖެހޭ ގާނޫނީ އޮނިގަނޑުގެ މަސައްކަތް އޭޖީ ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އަލިއަޅުއްވާލެއްވި ކަންކަމުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އޮތުމުގެ މުހިންމު ކަމާއި ރަޖިސްޓްރީ ކޮށްފައި ވާ ނޫސް މަޖައްލާތަކުގެ އެޑިޓަރުންނާއި މަސްއޫލުވެރިން އަދި ނޫސް ރީބްރޭންޑް ކުރާ އިރު، އެ މައުލޫމާތު މިނިސްޓްރީ އާ ހިއްސާ ކުރުމަށް އެދިވަޑައިގެންނެވި އެވެ.
ބައްދަލުވުމުގައި ބައެއް އެޑިޓަރުން ވަނީ، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލާ ބިލް އަވަސް ކުރުމަށް އެދިފަ އެވެ. އަދި މީޑިއާގެ ދާއިރާއަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ވެސް އެދިފައިވެ އެވެ.