އަތޮޅު ކައުންސިލަށް ސިހުރު ހެދިކަމުގެ ތުހުމތުގައި ރ. އުނގޫފާރުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ އުނގޫފާރު، ނަސީމީހިޔާ، މުހައްމަދު ވަހީދު، 67، އާއި އެ ރަށު ރިވެލި، މުހައްމަދު އަމްޖަދު، 61، ކަމަށެވެ.
އެ ދެ މީހުން ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ 21 ގަ އެވެ. އަދި އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވެ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ސިހުރާ ގުޅޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން ތ. ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެ، މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ވިލުފުށި، ރޭނިގޭ މުޙައްމަދު ޢަބްދުލް ޤާދިރު، 66، އެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި ކުޅުދުއްފުށީގެ 8 ގެއަކުން ވެސް ސިހުރު ހަދާ ތަކެތި ހޯދާފައިވެ އެވެ.