Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ހިދުމަތެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނީ މިހާރެކޭ އެއްގޮތަށް ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލް ތަކުން ލިބެމުންދާ ހިދުމަތްތައް ދެމުންދާނެ ކަމަށެވެ. އެ ހިދުމަތްތަކަކީ:

– ފައިސާ ޖަމާކުރުމާއި ނެގުން
– ފައިސާ ޓްރާންސްފަރ ކުރުން
– ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން
– މުދާގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުން
– ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން
– ލުއި ލޯނާއި ފައިނޭންސް ދޫކުރުން
– ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން
– އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުން
– ޒަކާތް ދެއްކުން

ބީއެމްއެލްއިން ބުނީ މާޗް މަހު އެއްވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުމާއި މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓް އޮންލައިންކޮށް ހުޅުވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުމުގެ ހިދުމަތް ވެސް ހަމަޖެހިގެންދާނެ ކަމަށް ބޭންކުން ބުނެ އެވެ.

ރޯދަށް ބީއެމްއެލްއިން ހަމަޖައްސާ ބައެއް ހިދުމަތްތައް:

– ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އޮންލައިންކޮށް ހުށަހެޅުން
– ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން.
– ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން ފަސް ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން.
– ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު ދެ ލައްކަ ރުފިޔާއަށް އިތުރު ކުރުން.

ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނާނެ ކަމަށާއި އެގޮތުން ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ހިދުމަތް ފެށުމާއި އެގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް އަދި ޕިން ބަދަލުކުރެވޭނީ އިންޓާނެޓް ބޭންކިން ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށް ކަމަށް ބޭންކުން ބުނެ އެވެ.

ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީއޯއެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުމާއި މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ އެއް ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދިނުން ހިމެނޭ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އަދި ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުންމެދުވެރިކޮށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ބޭންކުން ބުނެ އެވެ. ބީއެމްއެލްއިން ބުނީ ކަސްޓަމަރުން ބޭންކާ މުއާމަލާތް ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާ އިން މެސެޖް ކުރެވޭނެ ކަމަށެވެ.

ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30އިން މެންދުރު 12:30 އާ ހަމައަށެވެ. މާރިޗުމަހު 27 އަދި 29ވަނަ ދުވަސް ފިޔަވައި ރަމަޟާން މަހު ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ޚިދުމަތެއް ދިންކަމުގައި ވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސިން ބުނެ އެވެ.

ގޭގައި ނުވަތަ އޮފީހުގައި ތިބެ ފަސޭހަކަމާ ރައްކާތެރިކަމާއެކު ބޭންކުގެ ޚިދުމަތް ހޯއްދެވުމަށް ބޭންކް އޮފް މޯލްޑިވްސިން ވަނީ އިލްތިމާސް ކޮށްފަ އެވެ.