ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
މި ދަތުރުފުޅަކީ، ރައީސްގެ ވަޢުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.