Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ދ. އަތޮޅު ހޮސްޕިޓަލްގެ އާ ޢިމާރާތް ހަދަން ހަވާލުކޮށްފި

ދ .އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާހް އަލީ ނަސީރުެވެ.

އެ ރަސްމިއްޔާތުގައި ޤާސިމް ވިދާޅުވީ، އައު ހޮސްޕިޓަލް ޢިމާރާތްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދެވިގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އައު ހޮސްޕިޓަލުން ލިބިގެންދާނެ ޚިދުމަތްތަކުގެ ތެރޭގައި، ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ އަކާއި، ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތަ އަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސޯލަ ޕީވީ ސިސްޓަމް މި ހޮސްޕިޓަލްގައި ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ.

ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން އާއި މެޑިކަލް އެއާ އެޅިގެންދާ އިރު، ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއް ޤާއިމްކުރެވިގެންދާނެއެވެ. މިއާއެކު ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް ޤާއިމްކުރުމުގެ އިތުރުން މެމޮގްރަފީގެ ޚިދުމަތާއި ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރ ޤާއިމް ކުރާނެނެ އެވެ.

ޖުމްލަ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 181 މިލިއަން ރުފިޔާ އެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ އާ ޢިމާރާތް ހަދަން މިއަދު ހަވާލުކުރި އިރު، ދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރެއް ރައީސް މޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ފައްޓަވައިފަ އެވެ.