ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު އެވޯޑްސް ކަމަށްވާ އޮސްކާ އަށް މި އަހަރު ނޮމިނޭޓްވި ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވެސް ހިމަނައިފަ އެވެ.
އާންމުކޮށް އެވޯޑަށް ނޮމިނޭޓް ހޮވޭ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ލިބެ އެވެ. އޭގެ ތެރޭގައި ޓްރޮފީއާ އެކު ފައިސާގެ ބޮޑެތި އިނާމުތައް ވެސް ހިމެނެ އެވެ. އެގޮތުން މި އަހަރުގެ އެވޯޑްސްގެ އެކި ކެޓަގަރީތަކުން ނޮމިނޭޓްވި ފަރާތްތަކަށް ވެސް ހުސްއަތާ ދާކަށް ނުޖެހޭނެ އެވެ.
އެގޮތުން ދޭން ނިންމި އިނާމުތަކުގެ ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއްގައި ހަތަރު ދުވަހުގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ހިމަނައިފަ އެވެ. އެއީ "ޖޯލި ބީން" އާއި "ޖޯލި މޯލްޑިވްސް" ގަ އެވެ. މިއީ 16،000 ޑޮލަރުގެ ޗުއްޓީ ދަތުރެކެވެ.
އެކަޑަމީ އޮފް މޯޝަން ޕިކްޗަ އާޓްސް އެންޑް ސައިންސަސް (އޭއެމްޕީއޭއެސް) އިން އިންތިޒާމުކޮށް ބާއްވާ އޮސްކާ އެވޯޑަކީ 1929 ވަނަ އަހަރު ފެށިގެން ބާއްވަމުން އަންނަ އެވޯޑެވެ. މި އަހަރު ބާއްވަނީ 97 ވަނަ އެވޯޑް ހަފުލާ އެވެ.
އެ ހަފުލާ އޮންނާނީ އަންނަ މަހުގެ 2 ގައި ލޮސް އެންޖެލިސްގަ އެވެ.
މި އަހަރުގެ އޮސްކާގެ ނޮމިނޭޝަން އިއުލާންކުރީ މިދިޔަ މަހުގެ 23 ގަ އެވެ. މި ފަހަރު ޖުމްލަ 23 ކެޓަގަރީއަކުން އެވޯޑް ދޭނެ އެވެ.