ކުރިއަށް އޮތީ ރޯދަ މަސް ކަމަށާއި ދޮގު ހެދުން ފަދަ ކަންކަމުން ދުރުވާން ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ދ. ކުޑަހުވަދޫ ރައްޔިތުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދޮގު ހެދުމާއި ޢީބަ ބުނުމާއި ނެތިމޮށުމާއި މީހުންގެ އަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި މުޖުތަމައުގެ ތެރޭގައި ފެތުރިފައިވާ ކަމަށާއި ރޯދަ މަސް އަންނަން ވާއިރަށް މިފަދަ ކަންކަމުން އަމިއްލަ ނަފްސު ތޯހިރުކުރަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.
ފިކުރީ ތަރައްގީ އަކީ އެއީ ކަމަށާއި މާތްﷲ ދެއްވާފައިވާ ސިކުނޑީގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެއީ އަމާނާތެއް ކަމަށާއި އެ އަމާނާތައް އަމިއްލައަށް ހިޔާނާތްތެރިވެއްޖެ ނަމަ ޖަވާބުދާރީވާންޖެހޭ ދުވަހު އިތުރު ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"ދޮގު ވާހަކަ ދެއްކުމާއި ދޮގު ފެތުރުމާއި ޢީބަ ބުނުމާއި ނެތިމޮށުމާއި މިފަދަ ހުރިހާ އަމަލުތަކެއް ހިންގާ ފަރާތްތަކުން އެބަޖެހޭ އެކަން ހުއްޓާލަން އަޒުމު ކަނޑައަޅަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު އެއް އަމާނާތަކީ ދޫ ކަމަށާއި އެ ދޫ ރައްކާތެރި ކުރެވިއްޖެ ނަމަ ވަރަށް ގިނަ ނުބައި އަމަލުތަކުން މީހާ ސަލާމަތްވެ އަދި ވަރަށް ގިނަ ފިތުނަތަކުން މުޖުތަމައު ވެސް ސަލާމަތްވެގެންދާނެ ކަމަށެވެ. މިއީ ވަގުތީ ބިމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ މިތަނުގައި ކިތަންމެ އިމާރާތެއް ކުރެވިދާނެ ކަމަށާއި ނަމަވެސް ހަގީގީ ތަރައްގީ ހާސިލުނުކޮށް ނަފްސާނީ އަދި ރޫހާނީ ގޮތުން އެމީހާ ވާނީ ބަނގުރޫޓުވެފައިވާ މީހަކަށް ކަމަށްވެސް ވިދާޅުވެފަ އެވެ.
މީގެއިތުރުން ރައީސް ވަނީ ދޮގު ހަދައި އަދި އަބުރު ކަތިލާ މީހުންގެ ފެންވަރަށް ނުވެއްޓުމަށާއި ދަރިންނަށް މިއަދު ދަސްކޮށްދޭންވީ މި އަހުލާގު ކަމަށްވެސް ވިދާޅުވެފަ އެވެ. މިގޮތަށް އުޅުން ބަދަލުނުކޮށްފިނަމަ ދެން ކުރިމަތިލާން އޮތް ދުނިޔޭގައި އެއްވެސް ކާމިޔާބެއް ނެތްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތީ ބަރަކާތްތެރި ރަމްޟާން މަހަށް ވާތީ ދޮގު ހެދުމާއި ނެތިމޮށުމާއި ޢީބަ ބުނުމާއި މިފަދަ ހުރިހާ ދުލާއި އަތުން ކުރާ ނުބައި ކަންކަމުން ދުރުހެލިވެގެން ހުރި މީހަކަށް ވުމަށް އަޒުމްކަނޑައެޅުމަށް ރައްޔިތުންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.