Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ގޮނޑިކޮއްކޮ ސުޕްރީމް ކޯޓެއް އުފައްދަން ފުރުސަތު ނުދޭތި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

ގޮނޑިކޮއްކޮ ސުޕްރީމް ކޯޓެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ނުދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައިފި އެވެ.

ޝާހިދު މިކަމަށް ގޮވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުންނެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މި ބިލު ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ސުޕްރީމް ކޯޓު މިހާރު އެކުލެވިގެން ވަނީ 7 ފަނޑިޔާރުންގެ މައްޗަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ގާނޫނު އަސާސީ އަށް ގެނެސްފައިވާ އިސްލާހަކާއި ގުޅުންހުރި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، އެ ކޯޓުގެ ބެންޗު ބަދަލުކުރުމަށް ރައީސް މުއިއްޒު ގާނޫނަށް ބަދަލު ގެންނެވުމަކީ ރައީސަކު ޝަރުޢީ ނިޒާމަށް އަމާޒުކޮށް ދޭނެ އެންމެ ބޮޑު ޢުދުވާނީ ހަމަލާ ކަމަށެވެ. ރައީސް މުއިއްޒުގެ މި ޢައިރު ޒިންމާދާރު އަމަލު ހަރުކަށި އިބާރާތުން ޝާހިދު ވަނީ ކުށްވެރި ކުރައްވާފަ އެވެ.

ރާއްޖެ ބަލައިގެންފައިވާ، ތިންބާރު ވަކިކޮށްފައިވާ ޑިމޮކްރަޓިކް ނިޒާމުގެ މިނިވަންކަން ނެތިކޮށް، ބާރުތައް މުށުތެރެއަށްލާ, ޚުދުމުތާރު ވެރިކަމެއް މި ރާއްޖޭގައި ގާއިމްކުރުމަށް، "ގޮނޑިކޮއްކޮ" ސުޕްރިމް ކޯޓެއް އުފެއްދުމަށް ރައީސް މުއިއްޒުއަށް ފުރުސަތު ނުދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އެންމެހާ މެމްބަރުންނަށް ޝާހިދު ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން ޝަރުއީ ދާއިރާއާއި ދެކޮޅަށް ރައީސް މުއިއްޒު މި ހިންގަވާ ބޮޑު ޖަރީމާއާއި ދެކޮޅަށް މުޅި ޝަރުއީ ދާއިރާއާއި, ހުރިހާ ރައްޔިތުން ތެދުވާންޖެހޭ ކަމަށާއި ޚުދުމުޚްތާރު ވެރިކަމަށް ދިވެހި ރައްޔިތުން ޖާގައެއް ނުދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެ ބިލުގައިވެ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މިފަދަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.

ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް 2014 ވަނަ އަހަރު ބެންޗުގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފަ އެވެ. އޭގެ ފަހުން 2019 ގައި ބެންޗުގެ އަދަދު އަނެއްކާވެސް ވަނީ ހަތަކަށް ބަދަލުކޮށްފަ އެވެ.