Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ފެންނަނީ ސުޕްރީމް ކޯޓު ފުނޑާލަން މަސައްކަތް ކުރާތަން

ޑރ. ޖަމީލް، ފޮޓޯ: މިހާރު

ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުން ސުޕްރީމް ކޯޓު ފުނޑާލަން މަސައްކަތް ކުރާތަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓު މިހާރު އެކުލެވިގެން ވަނީ 7 ފަނޑިޔާރުންގެ މައްޗަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ކިތަންމެ ވަރަކަށް ޖަސްޓިފައި ކުރަން އުޅުނަސް ސާފުކޮށް މި ފެންނަނީ ރައީސް މުއިއްޒުގެ ބާރުން ސުޕްރީމް ކޯޓު ފުނޑާލަން މަސައްކަތް ކުރާތަން ކަމަށާއި ތަހުޒީބީ މުޖުތަމައެއްގައި އެ ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅިފައިވާ ވަގުތެއްގައި މިފަދަ ކަމެއް އަމުދުން ކުރަން ނުވެސް ވިސްނާނެ ކަމަށެވެ.

"މި އެނގެނީ މުއިއްޒު ފައިނަގާފައި އެހުރީ ސީދާ ގާނޫނީ ނިޒާމު އެއްފަރާތް ކުރަން. މުއިއްޒާއި އޭނާގެ ސަރުކާރު ޑެސްޕަރޭޓްވި މިންވަރު. މުއިއްޒު ގޮތްހުސްވެ ކަނޑި އާއި ބަޑީގެ ބޭނުން ކުރާ ހިސާބަށް ހިނގައްޖެކަން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވަނީ ޙަގީގީ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށާއި ރައީސް މުއިއްޒަށްޓަކާ ގައުމެއް ގުރުބާނެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެ ބިލުގައިވެ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މިފަދަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.