Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

މިއީ ވަރަށް ހުތުރުކޮށް ހިންގަން ދިމާކޮށްފައި އޮތް ވެރިކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

މިއީ ވަރަށް ހުތުރުކޮށް ހިންގަން ދިމާކޮށްފައި އޮތް ވެރިކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

މިފަދަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ގެއްލުންތަކެއް ވެދާނެތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އުނދަގޫވާ ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން ފަދަ ކަންކަމަކީ ރައީސް މުއިއްޒަށް ކުރެއްވޭނެ އެންމެ ބޮޑު ކަންތައް ކަމަށެވެ. އަދި އެހާ ހިސާބަށް ކަންކަން ދާއިރު ރައްޔިތުން ބަލަން ނުތިބޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިހާރު ކުރައްވަން އުޅުއްވާ ކަމަކީ މީގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކުރައްވަން އުޅުއްވި ކަންތައް ކަމަށާއި އެގޮތުން އޭރު ސުޕްރީމް ކޯޓުގައި ތަޅު އެޅުވުން ފަދަ ކަންކަން ހިނގިކަން ޔާމީން ފާހަގަކުރެއްވި އެވެ.

"ވަރަށް ހަޑި ހުތުރުކޮށް ހިންގަން ދިމާކޮށްފައި އޮތް ވެރިކަމެއް މިއީ،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެ ބިލުގައިވެ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.