Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ފަނޑިޔާރުން މަދުކުރުމާ ދެކޮޅަށް ޖުޑިޝަރީ ނުކުންނަން ޖެހޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުުުރައްވައި އެ އިސްލާހާ ދެކޮޅަށް މެންބަރުންނާއި ޖުޑިޝަރީން ތެދުވާން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަަދުކުރުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އެކަމާ ގުޅިގެން ފައްޔާޒު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އާއި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލު ކަމަށެވެ.

"ފަނޑިޔާރުންގެ އަދަދު މަދުކުރަން އެ ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް. ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން،" އޭނަ ވިދާޅުވި އެވެ. "މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް ގޮވާލަން."

ފައްޔާޒު ވިދާޅުވީ ސަރުކާރުން ގެންނަން އުޅޭ އިސްލާހަކީ، ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް މި ސަރުކާރުން ގެނައި އިސްލާހަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ މައްސަލަ ހުށަހެޅުމާއެކު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

"މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް. މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް." އޭނާ ވިދާޅުވި އެވެ.