ދ. މާއެނބުދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތްތަށް ފުޅާކުރުމަށް އެޅި، އައު އިމާރާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ހުޅުވައި ދެއްވީ އެ މަނިކުފާނު މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މާއެނބޫދު އަށް މިއަދު ވަޑައިގެންނެވެ. މާއެނބޫދޫގައި ގާއިމުކޮށްފައިވާ ސިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުއްވައި ދެއްވައި އެ މަނިކުފާނު ވަނީ އެތަން ބައްލަވާލައްވައިފައެވެ.
މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތަކީ އެ މަރުކަޒުން ޚިދުމަތް މިހާރު ދިނުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯއްދައިވައި ދެއްވުމަށް، ތަރައްޤީކޮށްފައިވާ އިމާރާތެކެވެ.
އާ އިމާރާތާއެކު އަލަށް ފަސް ޚިދުމަތެއް ވެސް ތަޢާރަފުކޮށްފައިވެ އެވެ.
އޭގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ހިމެނެ އެވެ. މީގެ އިތުރުން ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް އާ އިމާރާތުގައި ގާއިމުކޮށްފައިވެ އެވެ.
މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފެށި 2023 ގަ އެވެ. އެ މަޝްރޫޢަށް 4.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.