Last Updated: May 7, 15:20
Wednesday, May 7, 2025
ޚަބަރު

މަސްވެރިކަމަށް އާ ދިރުމެއް ލިބިއްޖެ: ޝިޔާމު

ކިރުވާ މަހަށް މިހާރު ގަވައިދުން ފައިސާ ވެސް ދޫކުރަމުން އަންނާތީ މަސްވެރިކަމުގެ ދާއިރާ އަށް ނުކުންނަ ޒުވާނުން ވެސް އިތުރުވެ، މި ދާއިރާ އަށް އާ ދިރުމެއް ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ މިނިސްޓަރު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ވިދާޅުވީ މަސްވެރިކަމަކީ ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ލިބޭނެ ސިނާއަތެއް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ސިނާއަތް ކުރިއެރުވުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި އެގޮތުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިން އަތުން މަސް ގަތުމަށް ފަހު މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދީ ހުރުން ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެކަމަށް ހައްލެއް ގެނައުމަށް މި ސަރުކާރުން ކުރި މަސައްކަތުން މިވީ މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތުން މަސްވެރިންނަށް މިހާރު ގަވާއިދުން ފައިސާ ދޭން ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއަދު މި ފެންނަ މަންޒަރަކީ މަހަށްދާ މަސްވެރިން އިތުރުވެފައިވާ ތަން. ޒުވާނުން ވެސް އަނބުރާ މަސްވެރިކަމަށް އަންނަ މަންޒަރު ފެނޭ،" ޝިޔާމު ވިދާޅުވި އެވެ. "ވަރަށް ބޮޑަށް ކޮމިނިއުޓީތަކަށް މިކަމުގެ ފައިދާ ލިބޭތަން ފެނިގެން މި ދަނީ."

އޭނަ ވިދާޅުވީ މި ސަރުކާރުގެ ވިސްނުން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި މުހިއްމި ބަދަލުތަކެއް ވެސް ގެނައުމަށް ކަމަށެވެ.

"މި އަހަރު މަސްވެރިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށިގެން ދާނެ، މި މަޝްރޫޢުތައް ނިމުނީމައި، ކުރިއަށް އޮތް ފަންސާސް ނޫނީ ފަސްދޮޅަށް އަހަރަށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ހައްލު ލިބިގެން ދާނެ." ޝިޔާމް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ