Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

ޗިރަންޖީވީއާ އެކު ރާނީ ފިލްމެއް ކުޅެނީ

އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންޖީވީއާ އެކު ފިލްމެއް ކުޅެން ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ އަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ 2023 ގެ ތެލެގޫ ފިލްމު "ދަސާރާ" ގެނެސްދން ޑައިރެކްޓަރު ސްރީކާންތު އޮޑެލޯގެ ފިލްމެއް ކަމަށެވެ. ވަގުތީ ނަމަކަށް "މެގަ 157" ބޭނުން ކުރަމުން އަންނަ ފިލްމުގެ ލީޑް ބަތަލުގެ ރޯލު ޗިރަންޖީވީ ކުޅޭ އިރު، މީގެ ބަތަލާ އަކީ ރާނީ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ރަސްމީކޮށް އަދި މިކަން ކަށަވަރެއް ނުވެ އެވެ.

އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ޗިރަންޖީވީ، 69، އަކީ ދާދި ފަހުން ރިލީޒްކުރި "ގޭމް ޗޭންޖާ" ގެ އިތުރުން "އާރްއާރްއާރް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަންގެ ބައްޕަ އެވެ.

ރާނީ މީގެ ކުރިން ވެސް އިންޑިއާގެ ދެކުނުގެ ބައެއް އެކްޓަރުންނާ އެކު ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަންއާ އެކު ކުޅުނު "އައްޔާ" އާއި ކަމަލް ހަސަނާ އެކު ކުޅުނު "ހޭ ރާމް" ފާހަގަކޮށްލެވެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދެމުން އަންނަ "މަރުދާނީ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.