Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކަނީ

ދ. މާއެނބޫދޫން ބިން ހިއްކަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ދ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ހެނދުނު މާއެނބޫދޫ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ވިދާޅުވީ އެ ރަށުގެ ބިންހިއްކުމަށް ބޭނުންވާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަމްޓް އީއައިއޭ) ގެ މަސައްކަތް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ނިންމާލައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާއެނބޫދު އަށް އެމަނިކުފާނު ވަޑައިގަތީ ރަށުގެ ތަރައްޤީއަށް ކުރުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި މަޝްރޫޢުތަކުގެ ތެރެއިން ވަޢުދުވެފައިވާ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން ދެއްވުން ކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ ކުރިން ހަދާ އީއައިއޭ ނިމުނުހާ އަވަހަށް އެމްޓީސީސީން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުުވީ ބާރު ދުވެލީގައި މަޝްރޫޢު ކުރިއަށް ގެންގޮސް، 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

"މި މަޝްރޫޢުގައި ތިބޭފުޅުން ބޭނުންވާ ގޮތަށް ދެ ހެކްޓަރު ވަކި ރަށެއް ގޮތަށް ހިއްކޭނެ. މި ޔަޤީންކަން ދިނުން އަޅުގަނޑު ބޭނުންމަކީ، މާއެނބޫދު އަށް އޮތް ޒަމާންވީ ބިމުގެ މައްސަލައަށް ހައްލު ލިބިގެން ދިއުން،" ރައީސް ވިދާޅުވި އެވެ. "މިރަށުގެ ރައްޔިތުން އެންމެ އިސްކަންދޭ މައްސަލަ އަކީ ބިމުގެ ދަތިކަން ހައްލު ކުރުން. ސަރުކާރުންވެސް އިސްކަން ދެނީ އެ ރަށެއްގެ ރައްޔިތުން އިސްކަންދޭ މަޝްރޫޢު ހިންގަން."