ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަަތައް ކުޑަކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ރައީސަށް ލަފާ އަރުވަން މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.
ޖަލްސާގައި ނެގި ވޯޓުން އެގޮތަށް ފާސްކުރީ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލައި ފާސްކުރި ގޮތަށެވެ. ކޮމިޓީ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓްގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މުސާރަތައް ކުޑަކުރުމަކީ ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދެ އަހަރުގެ މުއްދަތަށް އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ. އަދި މިއީ މި އަހަރަށް ފާސްކުރާ ބަޖެޓާ އެކީ ގެންނާނެ ބަދަލުތަކެއް ކަމަށް ރައީސް އިއުލާންކުރެއްވި ފިޔަވަޅެއް ވެސް މެ އެވެ.
މުސާރަތައް ކުޑަކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅީ ތިން ގޮތެކެވެ. އެއީ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އަސާސީ މުސާރައިގެ ގޮތުގައި 12000ރ. އަށް ވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިގެ 10 ޕަސެންޓު އުނިކުރުމެވެ.