Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

ވާނީ ވެސް ވެބް ސީރީޒަކުން ފެންނާނެ

ބޮލީވުޑްގެ ބަތަލާ ވާނީ ކަޕޫރް ވެސް މި އަހަރު ވެބް ސީރީޒަކުން ބެލުންތެރިންނަށް ބައްދަލު ކުރަން ތައްޔާރުވާން ފަށައިފި އެވެ.

އޭނަގެ އަލަތު ވެބް ސީރީޒަކީ ބޮލީވުޑަށް ތައާރަފުވި ފިލްމު "ޝުދް ދޭސީ ރޮމޭންސް" ގެނެސްދިން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "މަންޑަލާ މާޑާސް" އެވެ. ދާދި ފަހުން މީގެ ޓީޒާއެއް ވެސް އާންމުކޮށްފައިވާ އިރު، މި ކްރައިމް ތުރިލާ އަކީ ރާނީ މުކަރްޖީގެ 2019 ގެ ފިލްމު "މަރުދާނީ 2" ގެނެސްދިން ޑައިރެކްޓަރު ގޯޕީ ޕުތުރާންގެ އުފެއްދުމެކެވެ.

ވާނީ ފުލުހެއްގެ ރޯލު ކުޅެފައިވާ "މަންޑަލާ މާޑާސް" ގެ ކާސްޓްގައި ސުރްވީން ޗާވްލާ އާއި ޖަމީލު ޚާންގެ އިތުރުން ވައިބާވް ރާޖް ގުޕްތާ ހިމެނެ އެވެ.

"ވޯ" އާއި "ޝަމްޝޭރާ" އަދި "ޗަންދީގަޅު ކަރޭ އާޝިގީ" ގެ އިތުރުން "ބެލް ބޮޓަމް" ފަދަ ފިލްމުތައް ކުޅެފައިވާ ވާނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓްގައި ރިލީޒްކުރި "ކޭލް ކޭލް މޭ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޕަރްޝަކްތީ ކްރާނާއާ އެކު ކުޅެފައިވާ "ބައްތަމީޒް ގިލް" އާއި އަޖޭ ދޭވްގަންގެ "ރެއިޑް 2" ގެ އިތުރުން ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާނާ އެކު ކުޅެފައިވާ "އަބީރް ގުލާލް" ހިމެނެ އެވެ.

ވާނީގެ "މަންޑަލާ މާޑާސް" މި އަހަރު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ،