ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވަނީ މިނިވަންކަމާ އެކު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މާލިއްޔަތު ކޮމިޓީން ހުށަހެޅި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ރިޕޯޓަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ބަހުސްކުރައްވައި ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މިއަދު މަޖިލީހަށް ތައާރަފްކުރި ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން މީކާއީލް މަސައްކަތްކުރެއްވުމުން ތަކުރާރުކޮށް ރިޔާސަތުން އެކަން ހުއްޓުވުމުން މީކާއީލް ވަނީ އަބްދުއްރަހީމްގެ ހާލުކޮޅާ މެދު ހަމްދަރުދީވާ ކަމަށް ވިދާޅުވެފަ އެވެ.
"އިއްޒަތްތެރި ރައީސްގެ ހާލުކޮޅާ މެދު ވެސް އަޅުގަނޑު ހަމްދަރުދީވޭ، އިއްޒަތްތެރި ރައީސް، ބަޑި ބައިންދާފައި އިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް މެދުވެރިކޮށް…"
މީކާއިލްގެ ވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމް ވަނީ އެމަނިކުފާނުގެ ސިއްހީ ހާލަތެއް ވެސް އަދި ދިރިއުޅުމުގެ ހާލަތެއް ވެސް އެހެން ހާލަތެއް ވެސް މީކާއިލަށް ނޭނގޭނެ ކަމަށާއި އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު މި އިނީ ހަމަ މިނިވަންކަމާ އެކީގަ މި ގޮނޑީގަ. މި ގޮނޑިއަށް އަޅުގަނޑު އިންތިޚާބުކޮށްދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. އަޅުގަނޑަށް ހުރަހެއް މިތަނުގައި އެއްވެސް ކަމަކަށް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.